ޚަބަރު

18 މަހަށްފަހު އިއްތިފާގުގެ ކޯޗު ކަމުން ޖެރާޑް ވަކިކޮށްފި


ސައުދި އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބް އަލް އިއްތިފާގުގެ ކޯޗު އިނގިރޭސިވިލާތުގެ ސްޓީވަން ޖެރާޑް 18 މަސް ދުވަހަށްފަހު އެ މަގާމުން ވަކިކޮށްފި އެވެ.

ކުރިން އެސްޓަން ވިލާގެ އިތުރުން ރޭންޖަރސް އަށް ކޯޗުކޮށްދިން ޖެރާޑް އަލް އިއްތިފާގާއި ހަވާލުވެފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އަދި މިދިޔަ އަހަރު އޭނާ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ އިތުރުކޮށް 2027 ގެ ނިޔަލަށް އެ ކްލަބުގައި އޭނާ ބަހައްޓަން ނިންމާފަ އެވެ. ޖެރާޑް ހަވާލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އިއްތިފާގަށް ލީގުގެ ހަވަނަ މަގާމު ހޯދަދީފަ އެވެ.

ނަމަވެސް މި ސީޒަނުގައި އެ ކްލަބަށް ޖެރާޑް އާއިއެކު އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ ކްލަބުން ވަނީ އޭނާ އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފަ އެވެ. މި ސީޒަނުގައި އިއްތިފާގުން ސައުދީ ލީގުގައި ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ފަސް މެޗުންނެވެ.

ޖުމްލަ 18 ޓީމު ވާދަކުރާ ޕްރޯ ލީގުގެ 12 ވަނައިގައި އިއްތިފާގު އޮތްއިރު ރެލިގޭޝަން ޒޯނުން އެ ޓީމު ސަލާމަތް ވެފައިވަނީ އެންމެ 5 ޕޮއިންޓުގެ ތަފާތުންނެވެ.

އިއްތިފާގުގެ ކޯޗު ކަމުން ވަކިވުމަށްފަހު ޖެރާޑް ބުނެފައިވަނީ ފުޓްބޯޅަ އަކީ ހީނުކުރާ ގިނަ ކަންތައްތަކެއް ކުރިމަތިވާ ކުޅިވަރެއް ކަމަށާއި ބައެއް ފަހަރު އެންމެ ބޭނުންވާ ގޮތަށް ކަންތައްތައް ނުދާ ކަމަށެވެ. އަދި އޭނާއަށް އެ ކްލަބުގައި ކުރެވުނު މަސައްކަތުން ކުރިއަށް އޮތް ތަނުގައި ރަގަޅު ކާމިޔާބީތަކެއް އެ ކްލަބަށް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެނބުރި ގައުމަށް ދާނީ ފުރިހަމަ ޔަގީން ކަމާއި އިތުބާރާއިއެކު ކަމަށެވެ.

އިއްތިފާގުގެ ރައީސް ސާމީ އަލް މިސެހާލް ބުނެފައިވަނީ ޖެރާޑް އެ ކްލަބަށް ގެނައި ބަދަލުތަކަކީ އެ ކްލަބުގެ މުސްތަގުބަލަށް އެޅުނު ރަގަޅު ފިޔަވަޅުތަކެއް ކަމަށާއި ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުން އުވާލާފައިވަނީ ފުރިހަމަ އިހުތިރާމާއި އެކު ކަމަށެވެ. އަދި މިއީ މިވަގުތަށް ކްލަބަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.