ޚަބަރު

ޔަހޫދީ ފައުޖު ދާއިމީކޮށް ޖިނީންގައި ޤާއިމު ވަނީ


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖިނީންގައި ޔަހޫދީ ފައުޖު ދާއިމީކޮށް ދެމިތިބޭނެ ކަމަށް ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއީލް ކެޓްޒް ބުނެފިއެވެ.

ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދިޔަ ޢުުދުވާނީ ޙަމަލާތައް ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމުކޮށް ތަންފީޒު ކުރަން ފެށީ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުއެވެ. އެ އެއްބަސްވުމަށް ޢަމަލު ކުރަން ފެށި ހިސާބުން ޔަހޫދީ ފައުޖުގެ ސަމާލުކަން ވަގުތުން އަމާޒު ވީ ޖިނީންއަށެވެ. ޔަހޫދީ ފައުޖުން ދަނީ ޖިނީނަށް ވަދެގަނެ ޙަމާސްގެ ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި ޖިނީންގެ މަގުތަކާއި އިމާރާތްތައް ބަލައި ފާސްކޮށް ބަޑީގެ ޙަމަލާތައް ވެސް ދެމުންނެވެ. ޔަހޫދީންގެ ހެލިކޮޕްޓަރުތަކާއި ޑްރޯންތަކާއި އަސްކަރީ އުޅަނދުތައް އެ ސަރަޙައްދުގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ. ފާއިތުވި ދުވަސްތަކުގައި ޖިނީންނާއި ވަށައިގެންވާ ރަށްތަކުގައި މިހާތަނަށް ފަލަސްޠީނުގެ 17 ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖެއް ވެސް ހިމެނެއެވެ.

ޔަހޫދީ ފައުޖުން ވަނީ ޖިނީންގެ އެތައް ގެއެއް ބުލްޑޯޒަރުތައް ބޭނުންކޮށްގެން ސުންނާފަތި ކޮށް އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމު ކޮށްފައެވެ. ފަލަސްޠީނުގެ އިދާރާތަކުން ބުނީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ޖިނީންގައި ދިރިއުޅޭ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރު ވެފައިވާ ކަމަށެވެ. އެ ސަރަޙައްދުން ފެނުގެ ޚިދުމަތް ވެސް ވަނީ ކަނޑާލައިފައެވެ.

ޔަހޫދީންގެ ދިފާޢީ ވަޒީރު ބުނީ ޖިނީންގައި މިހާރު ކުރިއަށް ގެންދާ ޙަރަކާތްތައް ނިމުމުން ވެސް އެ ސަރަޙައްދުން ޔަހޫދީ ސިފައިން ނުފައިބާނެ ކަމަށެވެ. އޭނާ ބުނީ ކުރިން އޮތް ގޮތަށް ޖިނީން ކޭމްޕަށް ދެމި ނޯވެވޭނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްޞީލު ދީފައެއް ނުވެއެވެ.

ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވަނީ ޔަހޫދީ ފައުޖު ޖިނީންގައި ދެމިތިބޭނެ ކަމަށް ބުނުމުން އެކަން ކުށްވެރިކޮށް ނުރުހުން ފައުޅު ކޮށްފައެވެ. އެ ވުޒާރާއިން ބުނީ ޖިނީންގައި ދެމިތިބުމަށް ޔަހޫދީން ނިންމީ ފަލަސްޠީނުގެ ރައްޔިތުންނާއި ސަރުކާރު ރުޅިއަރުވައިލުމުގެ މަޤްސަދުގައި ކަމަށެވެ. ޔަހޫދީން ޖިނީންގައި ހިންގަމުންދާ ޙަރަކާތްތައް ހުުއްޓުވުމަަށް ބޭރުގެ ޤަައުމުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ގޮވާލަން ޖެހޭ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ފަރަންސޭސިވިލާތާއި އުރުދުން ފަދަ ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ ޔަހޫދީން ޖިނީންގައި ހިންގަމުންދާ ޢުދުވާމީ ޙަރަކާތްތައް ކުށްވެރި ކޮށްފައެވެ.