ސޫރިޔާގެ ވަގުތީ ރައީސްގެ މަޤާމަށް އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތް, ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލްޝަރާޢު ޢައްޔަނު ކޮށްފިއެވެ.
އެޗްޓީއެސަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޤައުމުގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސް ދަޢުރު ޢަދާ ކުރި ޖަމާޢަތެވެ. އެޗްޓީއެސް އިސްވެ އޮވެ ކުރި މަސައްކަތުން 13 އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ސޫރިޔާގެ އަހުލީ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފައެވެ.
ވަގުތީ ރައީސްގެ މަޤާމަށް ޝަރާޢު ޢައްޔަނު ކޮށްފައި ވަނީ އަސަދުގެ ވެރިކަން ވައްޓައިލަން ދިން ޙަމަލާތަކުގައި ބައިވެރިވި އަސްކަރީ ކޮމާންޑަރުންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުގައި އިންތިޤާލީ މަރުޚަލާގައި ރައީސްގެ ޒިންމާ ޢަދާ ކުރާނީ ޝަރާޢު ކަމަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ސޫރިޔާގެ އެންމެ އިސް މަންދޫބަކީ ޝަރާޢު ކަމަށް ވަނީ ނިންމާފައެވެ.
އެޗްޓީއެސުން ބުނީ ޤާނޫނީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ޝަރާޢުއާ މިހާރު ޙަވާލު ކޮށްފައިވާ ކަމަށެވެ. އެ ޤައުމުގެ ޤާނޫނު އަސާސީއަށް ޢަމަލުކުރުން ހުއްޓާލާފައިވާ ކަމަށާއި މިހާރު އޮތް ޤާނޫނުހަދާ މަޖިލީސް ވެސް އުވާލާފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ. އައު ޤާނޫނު އަސާސީއެއް އެކުލަވާލައި ޢަމަލު ކުރަން ފެށެންދެން ގުޅުންހުރި މަސައްކަތްތައް ކުރަމުން ދާނީ ޤާނޫނީ ކައުންސިލުންނެވެ. އަސަދާ ދެކޮޅަށް 13 އަހަރުގެ ދިގު އަހުލީ ހަނގުރާމައިގައި ޙަރަކާތްތެރިވި ހަނގުރާމަވެރި ޖަމާޢަތްތައް އުވާލައި ހުރިހާ ޖަމާޢަތް އެއްކޮށްލާ ދައުލަތުގެ ތެރެއިން އެއް ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރާޢު ބުނީ އޭނާ އެންމެ އިސްކަމެއް ދޭނީ ސަރުކާރަށް އައިސްފައިވާ ޤާނޫނީ ހުސްކަން ޝަރުޢީ އަދި ޤާނޫނީ ގޮތުގައި ފުރުމަށް ކަމަށެވެ. އޭނާ ބުނީ އިންތިޤާލީ އިންސާފުގެ ތެރެއިން ޤައުމުގައި މަދަނީ ހަމަޖެހުމާއި ޞުލްޙަ ޤާއިމު ކުރަން ޖެހޭ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫޙުގައި އެއްވެސް ކަމެއް ހިނގައި ދިއުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރުން ދައުލަތުގެ އިދާރާތައް, ޚާއްޞަ ގޮތެއްގައި އަސްކަރީ އަދި ސަލާމަތީ ބާރުތައް އަލުން އެކުލަވާލައި އިޤްތިޞާދީ ބިނާރުތައް ތަރައްޤީ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.
އިންތިޤާލީ މުއްދަތުގައި ޤައުމީ ބައްދަލުވުމެއް ބާއްވާއި އެންމެންގެ ބައިވެރިވުން އޮންނަ ސަރުކާރެއް ޤާއިމު ކުރާނެ ކަމަށް ވެސް ޝަރާޢު ވަނީ ބުނެފައެވެ. ސޫރިޔާގައި އިންޚާބެއް ބާއްވާނެ ކަމަށާއި ނަމަވެސް އިންތިޚާބަކާ ހަމައަށް ވާޞިލުވުމަށް އަދި ހަތަރު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.