ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ މޮނާކޯ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅުނު މެޗުގައި ލައުޓާރޯ މާޓިނޭޒް ހެދި ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުން އިންޓަރ މިލާން މޮޅުވެއްޖެއެވެ.
މި މެޗުން އިންޓަރ މިލާން މޮޅުވުމާއެކު އެ ޓީމަށް ވަނީ އަށް މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ކަށަވަރުވެފައެވެ. މޮނާކޯ އަށް 8 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު 17 ވަނައިގައި އޮތުމުން އެ ޓީމަށް ޖެހޭނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕްލޭއޮފް ދެ މެޗު ކުޅުމަށެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ހަތްދިހަ އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި އިންޓަރ މިލާނަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އިންޓަރ މިލާނަށް ކުރި ހޯދަދީފައެވެ. މި ޕެނަލްޓީއަކީ މޮނާކޯގެ ޑެނިސް ޒަކަރިއްޔާ މާކަސް ތުރާމަށް ފައުލް ކުރުމާއި ގުޅިގެން އިންޓަރ މިލާނަށް ލިބިފައިވާ ޕެނަލްޓީއެކެވެ.
އިންޓަރ މިލާނުން ލީޑު ނެގިތާ އަށް މިނިޓު ފަހުން މޮނާކޯއަށް ވަނީ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އިންޓަރ މިލާނުގެ މާކަސް ތުރާމް އާއި މާޓިނޭޒްއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ މޮނާކޯގެ ޑިފެންޑަރ ކްރިސްޓިއަން މަވީއްސާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް މޮނާކޯ އިން ކުޅެން ފެށިތާ ހަތަރުވަނަ މިނިޓުގައި މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
އަދި މެޗުގެ 67 ވަނަ މިނިޓުގައި މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މި މެޗުގައި އޭނާ ޖެހި ތިން ލަނޑާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ވަނީ ލިބިފަ އެވެ. ކުރިން އެ ޝަރަފު އޮތީ އިންޓަރ މިލާނުގެ ކުރީގެ ފޯވަޑް ބްރެޒިލް ގެ އެޑްރިއާނޯ އަތުގަ އެވެ.
މާޓިނޭޒްއަށް މި މެޗުގައި ލަނޑު ޖަހަން އިތުރު ފުރުސަތު ލިބުނުނަމަވެސް އޭގެ ބޭނުން ނުހިފިވަނިކޮށް ކޯޗު ވަނީ މެޗުގެ 76 ވަނަ މިނިޓުގައި އޭނާ ބަދަލުކޮށްފަ އެވެ. އެއީ އަންނަ ހޮނިހިރު ދުވަހު ސެރިއާގައި އޭސީ މިލާނާއި ދެކޮޅަށް ކުޅޭ މެޗަށް އޭނާއަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރި 36 ޓީމުގެ ތެރެއިން ކޮންމެ ޓީމެއްވެސް ފުރަތަމަ ބުރުގައި އަށް މެޗު ކުޅެފައިވާއިރު އެންމެ ރަގަޅު ޑިފެންސްލައިން އެއް އޮތް ޓީމަކީ އިންޓަރ މިލާނެވެ. ބައިކޮޅަށް އެންމެ ލަނޑެއް ވަދެފައިވާއިރު ހަތް މެޗު ނިންމާލާފައިވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ އެވެ.
ދެވަނަ ބުރުގައި އިންޓަރ މިލާނާއި ދެކޮޅަށް ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އޭސީ މިލާނެވެ.