ދިވެހިރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ޚާރިޖީ ވުޒާރާގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެ ކަމަށެވެ. އެގޮތުން، އިޤްތިޞާދީ ގޮތުންނާއި ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގައިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ދެވަނަ ބައްދަލުވުން ކުރިއަށްދާނީ އިންޑިއާގައި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.