ޚަބަރު

ރެއާލް މިހާރު އޮތީ ރަގަޅު ފޯމެއްގައި: އެންޗެލޮއްޓީ


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ ބްރެސްޓް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު އެ ޓީމު އޮތީ ރަގަޅު ފޯމެއްގައި ކަމަށް ކޯޗު ކާލޯ އެންޗެލޮއްޓީ ބުނެފި އެވެ.

ފްރާންސްގެ ބްރެސްޓް އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ނިކުންނައިރު ރެއާލް މެޑްރިޑް އޮތީ 7 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގަ އެވެ. އަދި ބްރެސްޓަށް 7 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު އެ ޓީމު އޮތީ 13 ވަނައިގަ އެވެ.

އެހެންކަމުން މި މެޗުން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް އަމިއްލަ ބާރުގައި ގަދަ އަށެއްގައި ހިމެނި މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމަކީ ދަތި ކަމެކެވެ. ނަމަވެސް މި ދެ ޓީމަށްވެސް ވަނީ ދެވަނަ ބުރަށް ކޮލިފައިވުމަށްޓަކައި ކުޅެންޖެހޭ ޕްލޭއޮފް މެޗު ވަނީ ޔަގީން ވެފަ އެވެ.

ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލް އާއި ދެކޮޅަށް މިދިޔަ އޮކްޓޯބަރ މަހު ފްރާންސްގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް ވަނީ 1-0 ގެ ނަތިޖާއަކުން ބަލިވެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޗެލޮއްޓީ ބުނެފައިވަނީ ރެއާލް މެޑްރިޑްގެ އަސްލު ފެންވަރުގައި އަދިވެސް ނުކުޅެވޭ ކަމަށާއި ނަމަވެސް ޓީމު މިހާރު އޮތީ ރަގަޅު ހާލަތެއްގައި ކަމަށެވެ. އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފަ އެވެ.

"ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އެބަ އެނގޭ ކުރަންވީ ކޮންކަމެއް ކަން އަދި ގްރޫޕެއްގައި ގޮތުގައި މިވަގުތު ޓީމު އޮތީ ރަގަޅު ހާލަތެއްގައި." އެންޗެލޮއްޓީ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އެ ޓީމުގެ ފޯވަޑް ކިލިއަން އެމްބާޕޭއަށް ސިޒަނުގެ ކުރީކޮޅު ދަތިތަކާއި ކުރިމަތިވީ ނަމަވެސް މިހާރު އޭނާ ހުރީ ރަގަޅު ފޯމެއްގައި ކަމަށެވެ. އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް މިހާތަނަށް ކުނު 31 މެޗުގައި 21 ގޯލު ޖާހާފަ އެވެ.

އެންޗެލޮއްޓީ އިތުރަށް ބުނެފައިވަނީ އެހެން ޓީމުތަކުގެ ނަތީޖާ އާއިމެދު ވިސްނަން ބޭނުންނުވާ ކަމަށާއި އޭނާގެ ހުރިހާވެސް ފޯކަސްއެއް ހުރީ މި މެޗުން ރެއާލް މެޑްރިޑް މޮޅުވެ ދެން ވާނެ ގޮތެއް ބަލަން ކަމަށެވެ.