ޚަބަރު

ލެސްޓަރ ސިޓީގެ ވެރިޔާ މަރުވީ އެކްސިޑެންޓަކުން ކަމަށް ނިންމައިފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލެސްޓަރ ސިޓީގެ ވެރިޔާ ތައިލެންޑްގެ ބިލިއަނަރ ކުން ވިޗައި ސްރިވަދަނަޕްރަބާ އާއިއެކު އިތުރު ހަތަރު މީހުން މަރުވެފައިވާ ހެލިކޮޕްޓަރ އެކްސިޑެންޓަކީ އެކްސިޑެންޓަކުން ހިނގާފައިވާ ކަމެއް ކަމަށް އެ މައްސަލަ ބެލި ފަރާތުން ނިންމައިފި އެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ލެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މެޗެއް ބެލުމަށްފަހު ހެލިކޮޕްޓަރ އަށް އަރައިގެން ނައްޓާލިތަނާ އެ ހެލިކޮޕްޓަރ ވަނީ ގޮވާފަ އެވެ. އަދި އޭރު އޭގައި ތިބި ފަސް މީހުން ވަނީ މަރުވެފަ އެވެ.

ދި ލިއޮނާޑޯ އޭޑަބްލިއު169 މަރުކާގެ ހެލިކޮޕްޓަރ ގޮވި ހާދިސާގައި އޭގެ ޕައިލެޓާއި އޭނާގެ އަންހެނުންގެ އިތުރުން ވިޗައި އާއި އޭނާގެ ގާތް ދެ މުވައްޒަފުން ހިމެނެއެވެ. އަދި މި މައްސަލައިގެ ފުރަތަމަ ތަހުގީގު 17 ދުވަހަށް ވަނީ ދިގުދެމިގެން ގޮސްފަ އެވެ.

ވިޗައިގެ އާއިލާގެ ލޯޔަރު ބުނެފައިވަނީ އެ ހެލިކޮޕްޓަރގެ ޕައިލެޓް ސްވެފަރ އަކީ ވަރަށް ތަޖުރިބާކާރު މޮޅު ޕައިލެޓެއް ކަމަށާއި އޭނާއަށް އެ ވަގުތު ކުރެވޭނެ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. ވިޗައިގެ އާއިލާން ދަނީ އެ ހެލޮކޮޕްޓަރ އުފައްދާފައިވާ އިޓަލީގެ ކުންފުންޏާއި ދެކޮޅަށް ދައުވާކުރަމުންނެވެ. އެ އާއިލާއިން ވަނީ ބަދަލެއްގެ ގޮތުގައި 2.67 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ދައުވާކޮށްފަ އެވެ. މިއީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް މިފަދަ ހާދިސާ އަކާއި ގުޅިގެން އެންމެ ބޮޑު ބަދަލެއް ހޯދުމަށް ވަކާލާތު ކުރެވޭ ފަހަރެވެ.

ފޯބްސް އާއި ހަވާލާދީ މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވިޗައި އަކީ ތައިލެންޑުގައި އޭރު ހުރި ފަސްވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތުގައި އޭރު 4.9 ބިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ.