ޚަބަރު

މިހާރު ރާއްޖޭގެ އެންމެ ކުދި ރަށްތަކުގައިވެސް އަސާސީކޮށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދޭނެ: ވަޒީރު ނާޡިމް


  • ކުދި ރަށްތަކުގައި ޓެސްޓް ހަދަނީ ޕޮއިންޓް އޮފް ކެއާ މެޝިންގެ އުސޫލުން

  • ކުދި ރަށްތަކުގައިވެސް ލެބޯޓްރީ ގާއިމްކުރާނެ

ރާއްޖޭގެ އެންމެ ކުދި ރަށްތަކުގައިވެސް މިހާރު އަސާސީކޮށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުހޫރިއްޔާ ތިލަދުންމަތި އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވި އެންމެ މުހިންމު ކަމަކީ ސިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. ޚާއްސަކޮށް ކުދި އާބާދީ ރަށްތަކުގެ ރައްޔިތުން އެދެމުން އައީ އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް އެ ރަށްތަކުން ހެދޭނެގޮތް ހަދައިދޭން ކަމަށާއި މިއަދު ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޡިމް ވިދާޅުވީ މިހާރު އެންމެ ކުދި ރަށްރަށުގައި އަސާސީ ޓެސްޓުތައް ހެދޭނެ ގޮތް ހަމަޖައްސައިދީފައި ވަނީ ޕޮއިންޓް އޮފް ކެއަރ މެޝިންގެ އުސޫލުން ކަމަށާއި ކުރިއަށް އޮތްތަނުގައި ރަށްތަކުގައި ލެބޯޓްރީތައް ޤާއިމުކުރެވޭނެ ކަމަށެވެ.

"ރައީސްގެ އެ ވައުދުފުޅުގެ ތެރެއިން މިހާރު ކޮންމެ ރަށެއްގައިވެސް އާދައިގެ ޓެސްޓުތައް އެންމެ ކުދި ރަށްތަކުގައިވެސް ހެދޭނެ ގޮތ ވަނީ ހައްދަވައިދެއްވާފައި. އަދި ފަހުން ލެބޯޓްރީއެއް އަންނަންދެން. އެތަނަށް ޖާގައާއި ތަކެތި އިތުރުވަންދެންވެސް ޕޮއިންޓް އޮފް ކެއާ މެޝިންގެ އުސޫލުން މިހާރު ރާއްޖޭގެ އެންމެ ކުދި ރަށްތަކުގައިވެސް އަސާސީކޮށް ބޭނުންވާ މެޑިކަލް ޓެސްޓުތައް ހެދިގެންދާނެ." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ ޞިއްޙީ ކަންކަމަކީ އަބަދުވެސް ތަރައްޤީވަމުން އަންނަ ކަންކަންކަމަށާއި އެހެންވެ ރައްޔިތުންގެ ކަންބޮޑުވުންވެސް އެ ދާއިރާގައި ހުންނާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން ތަންދޭ މިންވަރަކުން ނިޒާމުގެ ތެރެއިން ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން ރައްޔިތުން ތިބެނީ އުއްމީދާއެކުގައި ކަމަށާއި އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި ރައްޔިތުން އެދޭ ތަރައްގީ ގެންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.