ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ޒުވާން ޑިފެންޑަރ ރެނާޓޯ ވެއިގާ ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް އިޓަލީގެ ޔުވެންޓަސް އާއި ގުޅިއްޖެ އެވެ.
ޕޯޗުގަލް އަށް އުފަން އުމުރުން 21 އަހަރުގެ ވެއިގާ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޗެލްސީ އާއި ގުޅިފައިވަނީ ސްވިޒަލޭންޑުގެ ބަސެލް އިން 14 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއަކަށެވެ. އަދި ފައިތުވެދިޔަ ދުވަސްތަކުގައި ޗެލްސީ އަށް އޭނާ ކުޅެފައިވަނީ އެންމެ 18 މެޗެވެ.
ޗެލްސީގައި އޭނާއަށް ކުޅެން ލިބޭ ފުރުސަތު މަދުވުމުގެ ސަބަބުން ގިނަ ވަގުތު ކުޅުމުގެ ބޭނުމުގައި މި ސީޒަނުގެ ނިޔަލަށް ޔުވެންޓަސް އާއި އޭނާ ގުޅިފައިވަނީ ޔުވެންޓަސް އިން އޭނާގެ މުސާރައިގެ އިތުރުން ޗެލްސީ އަށް 3.8 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ދެއްކުމަށްފަހުގަ އެވެ.
ރެނާޓޯ ވެއިގާ އާއި ހަވާލާދީ ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ބޭނުންވަނީ ސެންޓްރަލް ޑިފެންޑަރެއްގެ ޕޮޒިޝަނަށް ކުޅުމަށެވެ. ނަމަވެސް ޗެލްސީ ގައި އޭނާ ބޮޑަށް ބޭނުން ކޮށްފައިވަނީ ވާއަތް ފަރާތަށެވެ.
ޕޯޗުގަލްގެ ގައުމީ ޓީމުގެ ފުރުސަތު ކަށަވަރު ކުރުމުގެ ގޮތުން ގިނަ ވަގުތު ކުޅެން ބޭނުންވާ ވެއިގާ ޗެލްސީގައި މަޑު ކުރުމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ މިދިޔަ ހަފްތާގައިވެސް ބުނެފަ އެވެ. އަދި އެއް މަގާމަކަށް ކުޅުންތެރިއަކު ކުޅެން ބޭނުންވާނަމަ އެ ކުޅުންތެރިއަކަށް މައްސަލަތަކާއި ކުރިމަތިވާނެ ކަމަށްވެސް މަރެސްކާ ވަނީ ބުނެފަ އެވެ.
ސެރިއާގެ ފަސްވަނަ މަގާމުގައި މިވަގުތު ޔުވެންޓަސް އޮތްއިރު އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް ޖާގައެއް ކަށަވަރުކޮށްފަ އެވެ.