މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑަށް އެ ކްލަބުގައި ފުރުސަތެއް ދެން ނޯންނާނެ ކަމަށާއި އެ ކްލަބް ދޫކޮށްލަން ޖެހޭ ކަމަށް ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރ ރިއޯ ފާޑިނަންޑް ބުނެފި އެވެ.
ރަޝްފޯޑް ގެ ވާހަކަ މީޑިޔާގައި އަލުން ދެކެވެން ފަށާފައިމިވަނީ މެންޗެސްޓަރ ޔުނައިޓެޑް އިން ޕްރިމިއާ ލީގުގައި މި ހަފްތާ ބަންދުގައި ކުޅުނު މެޗަށްފަހު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވާ ވަހާކައަކާއި ގުޅިގެންނެވެ.
ފުލަމް އަތުން ލީގުގައި 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި މެޗަށްފަހު އަމޮރިމް ބުނެފައިވަނީ ރަޝްފޯޑް އަށް ޔުނައިޓެޑްގެ ބެންޗުން ފުރުސަތު ދިނުމުގެ ބަދަލުގައި އެ ޓީމުގެ 63 އަހަރުގެ ގޯލްކީޕަރު ކޯޗަށް ބެންޗުން ފުރުސަތު ދިނަސް މާ ރަގަޅު ވާނެ ކަމަށެވެ.
"ރަޝްފޯޑްގެ ބަދަލުގައި 63 އަހަރުގެ ގޯލުކީޕަރު ކޯޗަށް ބެންޗުން ފުރުސަތު ދިނަސް މާ ރަގަޅު ވާނެ. ރަޝްފޯޑް އަކީ އޭނާގެ މެކްސިމަމް ދީ މަސައްކަތް ކޮށްގެން ޓީމުން ފުރުސަތު ހޯދަން އުޅޭ ކުޅުންތެރިއެއް ނޫން. އަދި އެފަދަ ކުޅުންތެރިންނަށް ފުރުސަތެއް ނޯންނާނެ." އަމޮރިމް ފުލަމް މެޗަށްފަހު ބުންޏެވެ.
އުމުރުން 27 އަހަރުގެ ރަޝްފޯޑް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ ޑިސެމްބަރ މަހުގަ އެވެ. އަދި އެރިކް ޓްންހާގް ވަކި ކުރުމަށްފަހު އަމޮރިމް އެ ޓީމާއި ހަވާލުވެ އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި އިޕްސްވިޗް އާއި އެއްވަރުވެފައިވަނީ ރަޝްފޯޑް ޖެހި ލަނޑުންނެވެ. އަދި އެވަޓަން އަތުން ޑިސެމްބަރ މަހު 4-0 އިން މޮޅުވި މެޗުގައި ރަޝްފޯޑް ވަނީ 2 ލަނޑު ޖަހާފަ އެވެ.
ނަމަވެސް ލީގުގައި 15 ޑިސެމްބަރ ގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ބެންޗުންވެސް ރަޝްފޯޑް އަށް އަމޮރިމް ފުރުސަތު ދީފައެއް ނުވެއެވެ. އަދި އޭގެ ދެ ދުވަސް ފަހުން ރަޝްފޯޑް ދިން އިންޓަވިއުއެއްގައި އޭނާ އެހެން ޗެލެންޖެއް ނަގަން ބޭނުންވާ ކަމަށް ބުނި ހިސާބުން އަމޮރިމް އާއި ރަޝްފޯޑް އާއި ދެމެދު ވަނީ މައްސަލަ އިތުރަށް ގޯސްވެފަ އެވެ.
ރިއޯ ފާޑިނަންޑްގެ ޔޫޓިއުބް މެދުވެރިކޮށް އޭނާ ކުރިއަށް ގެންދިޔަ ޓޯކްޝޯ ގައި ބުނެފައިވަނި ރަޝްފޯޑް އަށް މި ވަގުތު އެންމެ ރަގަޅު ގޮތަކީ ޔުނައިޓެޑް ދޫކޮށް ދިއުން ކަމަށާއި އެއީ އޭނާ ނަމަ އެކަން ލަސް ނުކުރާނެ ކަމަށެވެ. އަދި އަމޮރިމްގެ ދަށުން ރަޝްފޯޑް އަށް ފުރުސަތު ނެތްކަން އޭނާ އެންމެ ފަހުން ދިން އިންޓަވިއު އިން ސާފުވެގެންދާ ކަމަށްވެސް ފާޑިނަންޑް ވަނީ ބުނެފަ އެވެ.
ފާޑިނަންޑް އިތުރަށް ބުނެފައިވަނީ ކުޅުންތެރިއަކާއި ދިމާލަށް އެ ކުޅުންތެރިއެއްގެ ކޯޗަކު އެފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ ކުޅުންތެރިޔާ ވަރަށް ދަށްކޮށް އޭނާއަށް އެއްވެސް ކަހަލަ އިހުތިރާމެއް ނެތްކަން ހާމަވާފަދަ ވާހަކަތަކެއް ކަމަށެވެ.
އުމުރުން 7 އަހަރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ރަޝްފޯޑް ވަނީ އެ ކްލަބަށް 400 އަށްވުރެ ގިނަ މެޗު ކުޅެދީ ޔޫރޮޕާ ލީގާއި އިނގިރޭސި އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕް އެ ކްލަބާއިއެކު ހޯދާފަ އެވެ.