ޚަބަރު

ނޭމާގެ ކޮންޓްރެކްޓް އަލް ހިލާލް އިން އުވާލައިފި


ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އިން ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.

އުމުރުން 32 އަހަރުގެ ނޭމާ އަލް ހިލާލް އާއި ގުޅިފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު 90 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ނޭމާ އަލް ހިލާލް އާއި 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގުޅިފައިވަނީ މުސާރައިގެ ގޮތުގައި އަހަރަކު 150 މިލިއަން ޔޫރޯ އަށެވެ.

އަލް ހިލާލް އާއި ގުޅުނު ފަހުން ނޭމާ ވަނީ އަނިޔާގެ ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި މި ސީޒަނުގައި އޭނާއަށް އެންމެ ދެ މެޗު ކުޅެވިފައިވާއިރު އޭގެ ތެރެއިން އެއް މެޗަކީ މިދިޔަ ނޮވެމްބަރ މަހު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވާ މެޗެކެވެ. ނޭމާ

އަލް ހިލާލާއި ނޭމާ އާއި ދެމެދު މަޝްވަރާކޮށް ވާހަކަ ދައްކައިގެން އެއްބަސްވުން އުވާލާފައިވާއިރު, އެ ކްލަބުން ނެރެފައިވާ ބަޔާނެއްގައި ވަނީ ނޭމާ އެ ކްލަބަށް ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ކުޅުންތެރިއަކު ހޯދުމަށް ކްލަބަކުން ހޭދަކޮށްފައިވާ އެންމެ އަގު ބޮޑު ޓްރާންސްފާ އަކީ ނޭމާ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އިން 2017 ވަނަ އަހަރު ހޭދަކުރި 200 މިލިއަން ޕައުންޑުގެ ފީއެވެ. ޕީއެސްޖީ އާއިއެކު ނޭމާ ވަނީ ފްރެންޗް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ނޭމާގެ ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާއަށްފަހު އޭނާއަށް ވަނީ އަލުން ކުޅުމުގެ ތެރެއަށް އައުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ބްރެޒިލްގެ ސަންޓޯސް އިން ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ކްލަބްތަކުން ނޭމާއަށް ޝައުގުވެރިކަން ފާޅު ކުރަމުންދަނިކޮށް އޭނާ އޭރު ބަދަލުވެފައިވަނީ ސްޕެއިންގެ ބާސެލޯނާއަށެވެ. ސަންޓޯސް އަށް ކުޅުނު 225 މެޗުގައި އޭނާ ވަނީ 136 ގޯލު ޖަހާފަ އެވެ. އަދި ބާސެލޯނާ ގައި ހޭދަކުރި ހަތަރު ސީޒަނުގައި އޭނާ ވަނީ 186 މެޗު ބާސެލޯނާއަށް ކުޅެދީ އެ ކްލަބަށް ލަލީގާ ދެ ފަހަރު, ޔޫއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ އަލުން އެނބުރު ދިއުން އެންމެ ކައިރި އޭނާގެ ޒުވާން އިރުގެ ކްލަބް ކަމުގައިވާ ސަންޓޯސް އަށެވެ.