މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރަތުގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން މެޑިސަން ކީސް ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސްގެ އެރީނާ ސަބަލެންކާ ބަލިކޮށް ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި މެޑިސަން ކީސް ފައިނަލް މެޗު ކާމިޔާބު ކޮށްފައިވަނީ ދެ ސެޓް އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނެއްގެ ނަތީޖާއަކުން ކީސް ކާމިޔާބު ކުރި ނަމަވެސް ސަބަލެންކާ ވަނީ ހައެއް ދޭއްގެ ނަތީޖާ އަކުން ދެވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު ހަތެއް ފަހެއްގެ ނަތީޖާއަކުން ކީސް ވަނީ ތިންވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ.
މެޑިސަން ކީސް މިހާތަނަށް 46 ގްރޭންޑް ސްލޭމް މެޗު ކުޅެފައިވާއިރު މިއީ އޭނާގެ ކެރިއަރުގައި ފައިނަލުގައި ކުޅުނު ދެވަނަ ފަހަރެވެ. އަދި އޭނާ ފުރަތަމަ ފަހަރަށް ފައިނަލެއްގައި ކުޅެފައިވަނީ މީގެ އަށް އަހަރު ކުރިންނެވެ.
މި މެޗު ނިމުމާއިއެކު ސަބަލެންކާ އޭނާގެ ރެކެޓް ހަލާކު ކުރުމަށްފަހު މޫނު މަތީގައި ތުވާލިއެއް އަޅައިގެން ހުރެ ރުއި މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ.
މި މުބާރާތުގައި 19 ވަނައަށް ސީޑު ކޮށްފައިވާ އެމެރިކާގެ މެޑިސަން ކީސް މި މެޗު ކާމިޔާބު ކުރުމާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށް ރެކޯޑް ހެދުމަށް ސަބަލެންކާއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނެފައިވަނީ މި މުބާރާތުގައި މެޑިސަން ކީސް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރު މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި އަލުން އެނބުރި އޮސްޓްރޭލިއާއަށް އަންނާނެ ކަމަށެވެ.
މި މެޗުން މެޑިސަން ކީސް މޮޅުވުމާއެކު އޭނާ ވެފައިވަނީ 2009 ވަނަ އަހަރު ސްވެޓްލާނާ ކުޒްނެޓްސޯވާ އަށްފަހު ގްރޭންޑް ސްލޭމް މުބާރާތެއްގައި ދުނިޔޭގެ އެއްވަނަ އަދި ދެވަނަ ޓެނިސް ކުޅުންތެރިޔާ ބަލިކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ.