ޓޮޓްނަމް ހޮޓްސްޕަރ އަށް މި ސީޒަނުގައި ކުރިމަތިވެފައިވަނީ އަނިޔާގެ މައްސަލަ ކަމަށް އެ ޓީމުގެ ކޯޗު އެންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވި ނަމަވެސް މީގެ 18 މަސް ދުވަސް ކުރިން ޕޮސްޓެކޮގްލޫ ޓޮޓްނަމް އާއި ހަވާލުވިއިރު ޓީމު އޮތް ހާލަތަށްވުރެ ރަގަޅު ހާލަތަކަށް ގެނެވިފައިވާ ކަމަށާއި މި ސީޒަނުގައި ޓީމަށް ކުރިމަތިވެފައިވާ މައްސަލައަކީ އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންނަށް ނުކުޅެވޭ މައްސަލަ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.
އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ޓޮޓްނަމްގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއަން ރޮމޭރޯ އާއި މިކީ ވެންޑެ ވެން ގެ އިތުރުން ޑެސްޓިނީ އުޑޯގީއަށް ވަނީ މި ސީޒަން ގެއްލިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 15 ވަނައިގައި މިވަގުތު ޓޮޓްނަމް ހޮޓްސްޕަރ އޮތްއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ޕޮސްޓެކޮގްލޫ އިތުރަށް ބުނެފައިވަނީ އެ ޓީމަށް ހޯދިފައިވާ ނަތީޖާ ތަކާއި ދައްކަމުންދާ ކުޅުމުގެ ހުރިހާ ޒިންމާއެއް އޭނާ ނަގާ ކަމަށާއި ނަމަވެސް އޭނާ އެ ޓީމާއި ހަވާލުވިއިރު އޮތް ހާލަތަށްވުރެ މިހާރު އެ ޓީމުގެ ހާލަތު ރަގަޅު ކަމަށެވެ.
2023 ވަނަ އަހަރުގެ ޖޫން މަހު ޕޮސްޓެކޮގްލޫ ޓޮޓްނަމް އާއި ހަވާލުވެފައިވަނީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އެ ޓީމު ދޫކޮށް ދިއުމުންނެވެ.
އޭނާ ޓޮޓްނަމް އާއި ހަވާލުވި ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގުގެ ފަސްވަނަ މަގާމު ހޯދާފަ އެވެ.
ޔޫރޮޕާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ޓޮޓްނަމް ހޮޓްސްޕަރ ވަނީ ޖަރުމަނުގެ ހޮފެންހޭމް 3-2 ގެ ނަތީޖާއަކުން ބަލިކޮށް ތާވަލުގެ ހަވަނަ މަގާމް ހޯދާފަ އެވެ. ޔޫރޮޕާ ލީގުގެ ކުޅުން މި ސީޒަނުގައި ހަމަޖެހިފައިވާ ގޮތުން 36 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް އަށް މެޗު ކުޅުމަށްފަހު ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު 9 އިން 24 އަށް ޖެހޭނީ ދެ ލެގްގެ ޕްލޭ އޮފް މެޗެއް ކުޅުމަށެވެ.