ޖަރުމަންގެ ފްރެންކްފަޓަށް ކުޅެމުންދިޔަ އެ ޓީމުގެ މިސްރުގެ ފޯވާޑް އުމަރު މަރްމޫޝް މެންޗެސްޓާ ސިޓީއަށް މިއަދު ސޮއިކޮށްފިއެވެ.
އުމުރުން 25 އަހަރުގެ މަރްމޫޝް މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވަނީ 59 މިލިއަން ޕައުންޑުގެ ފީއަކަށް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެޑްއޮންގެ ގޮތުގައި އޭނާއަށް އަހަރަކު 4 މިލިއަން ޕައުންޑު ލިބިގެންދާނެ އެވެ.
ބުންޑެސްލީގާގައި މި ސީޒަނުގައި މަރްމޫޝް ކުޅުނު 17 މެޗުގައި އޭނާ ވަނީ 15 ލަނޑު ޖަހާފަ އެވެ. އޭނާއަށްވުރެ ގިނައިން ބުންޑެސްލީގާގައި ލަނޑު ޖަހާފައިވަނީ 16 ލަނޑު ޖަހާފައިވާ ބަޔާން މިއުނިކްގެ ހެރީ ކޭން އެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީ އަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު އެ ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.
އަދި އެކަމުން އަރައިގަނެ ޓީމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމުގެ ގޮތުން އައު ކުޅުންތެރިން ބޭނުންވާ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ ބުނެފަ އެވެ.
މަރްމޫޝްގެ ސޮއި ސިޓީ އިން ހޯދާފައިވާއިރު ދާދި ފަހުން އެ ޓީމުން ވަނީ ބްރެޒިލްގެ ޒުވާން ޑިފެންޑަރ ރެއިސްގެ އިތުރުން އުޒްބެކިސްތާނުގެ ކުސަނޯވްގެ ސޮއި ހޯދާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ ކުޅޭ މެޗަށް މަރްމޫޝް ރަޖިސްޓަރީ ނުކުރެވުނު ނަމަވެސް އަންނަ ހޮނިހިރު ދުވަހު ޗެލްސީ އާއި ދެކޮޅަށް ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެ އެވެ.