ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރ. ފައިނަށް ވަޑައިގެންފި


  • ފައިނުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ

  • ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅުން އޮންނާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރ.ފައިނަށް ވަޑައިގެންފިއެވެ. އެމަނުކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރަށުގެ ބަނދަރު ސަރަޙައްދަށް ނިކުމެފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލަތު ބައްލަވާލެއްވުމާއި އަދި ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސަކަތްތަކަށް ރައްޔިތުންނާ ކައުންސިލްގެ ޚިޔާލު ހޯއްދެއްވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ.

ފައިނަށް ކުރައްވާ ދަތުރުފުޅުގެތެރެއިން އެރަށުގެ އާ ކައުންސިލް އިމާރާތުގެ ބިންގާ އެޅުން ކުރިއަށްދާނެއެވެ. އަދި ރަށުގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ މުވައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން ރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ފައިނަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާ 11 ރަށުގެ ތެރެއިން 10 ވަނަ ރަށެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ރަށްތަކުގައި ކުރިއަށްގެންދަވަން ރާވާފައިވާ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދަނީ ޙިއްސާކުރައްވަމުންނެވެ.