ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުންދިޔަ އެ ޓީމުގެ ޑިފެންޑަރު ވިޓޯ ރެއިސް، އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.
އުމުރުން 19 އަހަރުގެ ބްރެޒިލްގެ ޑިފެންޑަރ މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވަނީ 36.2 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރާންސްފަރ ފީއަކަށެވެ.
ޕަލްމެއިރާސްގެ އެކެޑަމީއިން ވިދާލި ޒުވާން ކުޅުންތެރިޔާ ވަނީ ޕަލްމެއިރާސްގެ ސީނިއާ ޓީމަށް 18 މެޗު ކުޅެދީފަ އެވެ. ރެއިސް ވަނީ މީގެ ކުރިން ބްރެޒިލްގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފަ އެވެ.
މެންޗެސްޓަރ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަނެ އެ ޓީމަށް ބަދަލުތަކެއް ގެނައުމަށް ކޯޗު ޕެޕް ގަޑިއޯލާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ރެއިސް އެ ޓީމާއި ގުޅިފައިވާއިރު މީގެ ކުރިން ސިޓީން ވަނީ އުޒްބެކިސްތާނުގެ އަކްދުލްކާދިރު ކުސަނޯވް ވެސް އެ ޓީމަށް ގެނެސްފަ އެވެ.
ރެއިސްގެ ސޮއި ހޯދުމަށްފަހު މެންޗެސްޓަރ ސިޓީން ނެރެފައިވާ ބަޔާނެއްގައި އެ ޓީމުގެ ޑިރެކްޓަރ އޮފް ފުޓްބޯލް, ސިކީ ބެގިރިސްޓިއަން އާއި ހަވާލާދީ ބުނެފައިވަނީ ރެއިސް އަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ އުންމީދީ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން އޭނާ އެ ކްލަބާއި ގުޅުމަކީ އެ ޓީމަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއިސްގެ ސޮއި މެންޗެސްޓަރ ސިޓީ އިން ހޯދާފައިވާއިރު އޭނާގެ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ރެއާލް މެޑްރިޑް އިން ވެސް ދިޔައީ ކުރަމުންނެވެ.