ޚަބަރު

މަގުތަކަށް ދަތިވާގޮތަށް މާލެއާ ހުޅުމާލޭގައި ޕާކުކޮށްފަހުރި އުޅަނދުތައް ނަގަން ފަށައިފި


  • އުޅަނދުތައް ނަގަނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން

ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް މާލެއާ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭގެ އެކި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް އަދި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެކަންކުރަނީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު މަގުތައް ބޭނުންކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށްކަމަށެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުންގެންދާއިރު، ހުޅުމާލޭގައިވެސް އެމަސައްކަތް ފަށާފައިވަނީ
އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް، ޕާކު ކުރާނެ ޖާގަ ހެދުމަށްކަމަށް ފުލުހުންހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން، ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ވަނީ ޓޯވ ކުރެވިފައިވާކަމަށާއި، މިއީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މަގުމަތީގައި ހިނގާބިނގާވެ އުޅޭ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށް ކުރިޔަށް ގެންދާ މަސައްކަތެއްކަމަށެވެ.