ޚަބަރު

އިޕްސްވިޗް ބަލިކޮށް ސިޓީ ހަތަރުވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް ޓައުން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށް ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން ސިޓީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން 38 ޕޮއިންޓާއެކު ހަތަރުވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 21 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ 22 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އިޕްސްވިޗް އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.

މެންޗެސްޓަރ ސިޓީން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ 27 ވަނަ މިނިޓުގައި ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން މަޓިއޯ ކޮވަސިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ފިލް ފޯޑެން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ސިޓީގެ ޖެރެމީ ޑޮކޫ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އާލިން ހާލަންޑް ވަނީ އޭގެ އަށް މިނިޓް ފަހުން އިތުރު ލަނޑެއް ޖަހާފަ އެވެ. މިއީ ސިޓީ އާއި އެކު ހާލަންޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް އިތުރު ނުވަ އަހަރު އިތުރުކުރި ފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީން ޖެހި ހަވަނަ ލަނޑު 69 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭމްސް މެކާޓީ އެވެ.

މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާ މެންޗެސްޓަރ ސިޓީއިން އިޕްސްވިޗް 6-0 ގެ ނަތީޖާއަކުން ބަލިކޮށްފައިވާއިރު މިއީ މި ސީޒަނުގައި އެ ޓީމަށް ހޯދިފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއެއްވެ.