ޚަބަރު

އެމްޕޯލީ ބަލިކޮށް އިންޓަރ މިލާނުން ފަރަގު ކުޑަކޮށްފި


އިޓަލީގެ ސެރިއާގައި ރޭ އެމްޕޯލީ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އިންޓަރ މިލާން ކާމިޔާބުކޮށް އެއްވަނައިގައި އޮތް ނަޕޮލީ އާއި ދެމެދުވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި އެވެ.

މި މެޗުން އިންޓަރ މިލާން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި ކުޅުނު 20 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް ނަޕޮލީ އަށް އެއް މެޗު އިތުރަށް ކުޅެގެން 21 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.

އިންޓަރ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 79 ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރައިސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން އެމްޕޯލީގެ ސެބަސްޓިއަން އެސްޕޮސީޓޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުޑަވަރެއްގެ ނަމަވެސް އުންމީދެއް ގެނެސްދީފަ އެވެ.

މި މެޗުގައި އިންޓަރ މިލާނުން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް މާކަސް ތުރާމް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ ލީގުގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ.

މި މެޗުން އިންޓަރ މިލާން މޮޅުވެފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 15 މެޗުން ބަލިވެފައެއް ނުވެއެވެ. އެ ޓީމުން އަން ބުދަ ދުވަހު ނިކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕާޓާ ޕްރާގް އާއި ދެކޮޅަށެވެ.