ޚަބަރު

ބްރައިޓަންއިން ޔުނައިޓެޑް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ބްރައިޓަން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ބްރައިޓަން އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި ކުޅުނު 22 މެޗުން 34 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައަށް އަރާފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 22 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގަ އެވެ.

މެނެޗްސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި ބްރައިޓަންގެ ޔަންކޫބާ މިންޓޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 23 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލުކީޕަރު އޮނާނާގެ ފަރާތުން ވަރަށް އާދައިގެ ގޯސްތަކެއް ފެނިގެން ދިޔަ މި މެޗުގައި ބްރައިޓަން އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ކައުރޯ މިޓޯމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ 16 މިނިޓު ފަހުން ޖިއޮޖީނިއޯ ރަޓަރ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެފައިވާއިރު މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ހަތަރުވަނަ މެޗެވެ. އަދި ބްރައިޓަން އާއި ދެކޮޅަށް އެ ޓީމު އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު ބަލިވި ހަވަނަ މެޗެވެ.

މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވަނީ މިއީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ ދަށް ޓީމު ކަމަށާއި ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ ދެ މެޗުން ކަމަށެވެ.