ވިޔަފާރި

މިދިޔަމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ހިނގައްޖެ


ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %19  ދަށްވެ، މޭމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ މުޅި ޖުމްލަ އަދަދު %2.3 ދަށަށް ގޮސްފިއެވެ.

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް ވިލާތުގެ ގައުމުތަކުންނާއި މެދު އިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭމަހު ރާއްޖެއަށް 95،389 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މޭމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 93،228 ފަތުރުވެރިންނެވެ. މިއީ 2.3 އިންސައްތަ ދަށް އަދަދެކެވެ.

މޭމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް، މިއަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެއަށް 540،887 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު، %2.5 އިތުރު އަދަދެކެވެ.

މޭމަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް، އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ އަދިވެސް ޗައިނާއެވެ. މޭމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ޤައުމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތް، އިޓަލީ، އިނޑިއާ އާއި ރަޝިއާ ފަދަ ޤައުމުތައް ހިމެނެއެވެ. އަދި ސައުދީ އަރަބިޔާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މޭމަހާ އަޅާ ބަލާއިރު މިއަހަރުގެ މޭމަހު ދެގުނައަށް އިތުރުވެފައިވާކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.