ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރައްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީއާއި،
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރާ ކައުންސިލްގެ ފަރާތުން ދެމުން އަންނަ މި އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުއްވާލެއްވީ މިދިޔަ މަހުގެ އަށާރަވަނަދުވަހުގައެވެ. މި މަހުގެ ތިރީހުގެ ނިޔަލަށް ނަންހުށަހެޅުމުގެ ފުރުޞަތު ކުރިން އޮތްނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަމަހުގެ ނިޔަލަށް އިތުރުކުރައްވާފައެވެ.
ޑިސްއެބިލިޓީ ކައުންސިލްގެ ރައީސް އަޙުމަދު އާތިފް ވިދާޅުވީ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރު ކުރެއްވީ ކުރިން އޮތް މުއްދަތުގެ ބޮޑުބައެއް ރޯދަމާހާއި ދިމާވުމުން ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ދަތިތަކާ ބައެއް ފަރާތްތަކަށް ކުރިމަތިވުމުންކަމަށެވެ. މީގެއިތުރުން އަތޮޅުތަކުގެ ގިނަ ބަޔަކަށް މިކަމާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ ،އެވޯޑްގެ ގިނަ ބަޔަކު ކުރިމަތިލުމަށް މަގު ފަހި ކޮށްދެއްވުމުގޮތުން ކަމަށެވެ.
މި އެ ވޯރޑަށް ނަން ހުށައެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮތް އިރު އެމީހަކު އަމިއްލައަށް ވެސް ނަން ހުށައެޅިދާނެއެވެ. އަންނަ ސެޕްޓެމްބަރ މަހު ދޭން ހަމަޖެހިފައިވާ މި އެވޯރޑަށް ނުވަ ދާއިރާއަކުން ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.