ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގެ ދަށުން ދިވެހި ޑޮކްޓަރުންނަށް ޗައިނާގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރުމުގެ މަގުފަހިވެއްޖެއެވެ. މީގެ ސަބަބުން ދިވެހި ޑޮކްޓަރުންނަށް ޗައިނާ ފަދަ ޤައުމެއްގެ ތަޖުރިބާ ހޯދުމުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، ފަންނީ ދައިރާތަކުން ޗައިނާގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. އެގޮތުން ޗައިނާގައި ބައެއް ސަރަހައްދުތަކުގައި ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ވިޔަފާރިތަކާއި އެއްވަރަކަށް ހައްޤުތައް ކަށަވަރުވެ ވިޔަފާރި ކުރުމުގެ ފުރުސަތު ލިބޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި އެއްބަސްވުމުގެ ދަށުން ފަހިވެގެން ދިޔަ އެއް ފުރުސަތަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތެރިންނަށް ޗައިނާގައި މަސައްކަތްކުރުމުގެ ފުރުސަތެވެ. މިގޮތުން، ދިވެހި ޑޮކްޓަރުންނަށް ޗައިނާގައި މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ. މިކަމާއި ގޫޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، ޞިއްޙީ ދައިރާ ފުޅާކުރުމަށް ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޗައިނާއާއިއެކު މިހާރު މިމަސައްކަތް ކުރަމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި ފުރުސަތު ދަށުން، ދިވެހި ޑޮކްޓަރުންނަށް ޗައިނާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ މަގުފަހިވެފައިވާއިރު، މި ފުރުސަތަށް އެދުމަށް ހުރީ ލުއި ޝަރުތުތަކެކެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ޗައިނާގައި މަސައްކަތް ކުރުމަށް ދޫކުރަނީ އެއް އަހަރު ދުވަހުގެ ލައިސެންސެއް ކަމަށެވެ. އަދި އެއް އަހަރު ހަމަވުމުން އަލުން ލައިސެންސް އާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ސިއްޙީ ދައިރާގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިތަކަށް، ޗައިނާގެ ސިއްޙީ ދައިރާގެ ފަރާތްތަކާއި ގުޅިގެން ޖޮއިންޓް-ވެންޗަރ ވިޔަފާރި ފެށުމުގެ ފުރުސަތު އޮންނާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު، ޕްރޮފެޝަނަލް ދައިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއިއެކު ޗައިނާގެ ބާޒާރުގައި އެކިދާއިރާތަކުން މަސައްކަތްކޮށް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.