އިނގިރޭސި އެފްއޭ ކަޕްގައި ރޭ ތިންވަނަ ޑިވިޝަނުގެ މޯކެމްބޭ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ތިރީސް އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި މޯކެމްބޭގެ ކީޕަރުގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އެގޮތުން އޭނާ ވަނީ މެޗުގެ ކުރީކޮޅު ޗެލްސީއަށް ލިބުނު ޕެނަލްޓީއެއް ކްރިސްޓޮފާ އެންކުންކޫ ފޮނުވާލުމުން އެ ޕެނަލްޓީ މަތަކޮށްފަ އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ މި މެޗުގައި ޗެލްސީގެ މުހިންމު ކުޅުންތެރިންތަކެއް ނުހިމަނާ ބަދަލު ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
މި މެޗުގައި ޗެލްސީ މޯކެމްބޭގެ ގޯލު ހުލުވާލާފައިވަނީ މެޗުގެ 39 ވަނަ މިނިޓުގައި ޑިފެންޑަރ ޓޮސިން އަޑަރަބިއޯޔޯ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ މޯކެމްބޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެ ގޮސް ގޯލުގެ ތެރެއަށް ވަދެގެންނެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ކްރިސްޓޮފާ އެންކުންކޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
ޗެލްސީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު 70 ވަނަ މިނިޓުގައި އަޑަރަބިއޯޔޯ ކާމިޔާބުކޮށްދިންއިރު އޭގެ ފަސް މިނިޓު ފަހުން ޖޮއާއޯ ފީލިކްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
އަދި މެޗުގެ 77 ވަނަ މިނިޓުގައި ފީލިކްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.
މިއީ ޕްރިމިއާ ލީގުގެ ހަތަރުވަނައިގައި މިވަގުތު އޮތް ޗެލްސީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.