ކުޅިވަރު

ސާފް ކުލަބު ޗެމްޕިއަންޝިޕް މި އަހަރު، އިންޑިއާއިން ދެ ޓީމު


ސާކް ސަރަހައްދުގެ ކުލަބުތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތް މި އަހަރު ބާއްވަން ފަށާނެ ކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން ބުނެފިއެވެ.

ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހިލާލް ވިދާޅުވީ މި މުބާރާތުގައި ކުޅޭނީ ޖުމްލަ 8 ޓީމު ކަމަށެވެ. އޭގެ ދެ ތެރެއިން އިންޑިއާގެ 2 ޓީމަށް ފުރުސަތު ދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދިވެހިރާއްޖެ އާއި، ސްރީ ލަންކާ އާއި، ބޫޓާނާއި، ނޭޕާލް އާއި، ޕާކިސްތާން އަދި ބަންގްލަދޭޝް ކުރެ ކޮންމެ ގައުމަކަށްވެސް ލިބޭނީ އެއް ޖާގައެވެ.

މުބާރާތް ބާއްވާނެ ތާރީޚެއް ސާފް އިން އަދި ހަމަޖައްސާފައެއް ނުވެއެވެ. ނަމަވެސް މިހާރު ބޮޑަށް ވިސްނަމުންދަނީ އިންޑިއާގެ ޓީމުތަކަށް ފަސޭހަ ދުވަސްވަރެއްގައި މެޗުތައް ކުޅުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އަންވަރުލް ހައްގު ވިދާޅުވީ މި މުބާރާތްވެސް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ. ސަބަބަކީ ސްޕޮންސަރުން އެކަމަށް ބޭނުންވުމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސާފް ކުލަބު ޗެމްޕިއަންޝިޕުގެ ޚިޔާލަކީ މީގެ 10 އަހަރު ކުރިންވެސް ގެންގުޅެމުން އައި ޚިޔާލެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ ޚިޔާލު އަދި އޮތީ ހަމައެކަނި އުއްމީދެއްގެ ގޮތުގައެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްވެސް ބާއްވަން މިހާރު ނިންމާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެ ކަމަށްޓަކައި ދޮޅު މަސް ދުވަސް ހޭދަވާނެއެވެ. ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލުން ނުބޭއްވޭނަމަ އެ މުބާރާތް ބާއްވަން ނޭޕާލާއި، ލަންކާ އަދި ބަންގްލަދޭޝްއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.