ކުޅިވަރު

އިންޑިއާއިން ޕާކިސްތާނަށް ނުދާނެ، މެޗުތައް ދުބާއީގައި


ޕާކިސްތާނަށް ދާން އިންޑިއާއިން ދެކޮޅު ހެދުމުން، ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އެ ގައުމުން ކުޅޭ މެޗުތައް ދުބާއީއަށް ބަދަލުކޮށްފިއެވެ.

ސިޔާސީ އަރައިރުންތަކުގެ ސަބަބުން އިންޑިޔާއިން އަންނަނީ 2013 ވަނަ އަހަރުން ފެށިން ޕާކިސްތާނުގައި މެޗުތައް ކުޅެން ދެކޮޅު ހަދަމުންނެވެ. ނަމަވެސް މިދިޔަ އަހަރު އިންޑިޔާގައި ބޭއްވި ވޯލްޑް ކަޕަށް ޕާކިސްތާން ޓީމު ހާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ދިޔަ އެވެ.

އޮސްޓްރޭލިޔާ އާއި އަފްޣާނިސްތާން އަދި ބަނގްލަދޭޝް އާއި އިންގްލޭންޑްގެ އިތުރުން ނިއުޒީލޭންޑާއި ސައުތު އެފްރިކާ ވެސް ބައިވެރިވެ ޖުމްލަ 8 ގައުމު ވާދަކުރާ ޗެމްޕިއަންސް ޓްރޮފީ މުބާރާތް ފަށާނީ އަންނަ މަހުއެވެ. މި މުބާރާތަށް ޕާކިސްތާނަށް ނުދާނެކަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލަށް އިންޑިއާއިން އެންގީ މިދިޔަ އަހަރު އެވެ.

މިއާއެކު މިހާރު ދެ ގައުމުން ވެފައިވާ އެއްބަސްވުމަކީ ޕާކިސްތާނުގައި ކުޅޭ މުބާރާތަށް އިންޑިއާ ނުދާ ގޮތަށެވެ. އަދި ޕާކިސްތާނުންވެސް 2027 ވަނަ އަހަރާ ހަމައަށް އިންޑިއާގައި ކުޅޭ މުބާރާތަކަށް ނުދާނެއެވެ. މިހެންވެ މި ދެ ގައުމު ވެސް އެފަދަ ހާލަތެއްގައި މެޗުތައް ކުޅޭނީ ދުބާއީގައެވެ.

"
ޕާކިސްތާނުން ވަނީ އިންޑިޔާގެ މެޗުތައް ކުޅޭނީ ޑުބާއީގައި ކަމަށް ނިންމާފައި. މިކަން މިހާރު ވަނީ އައިސީސީއާ ވެސް ހިއްސާކޮށްފައި،
ޕާކިސްތާނުގެ ކްރިކެޓް ބޯޑް

ޗެމްޕިއަންސް ޓްރޮފީ އަކީ 1996 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ. މި މުބާރާތަށް ފަހުން 2028 ވަނަ އަހަރުގެ ޓީ20 އަންހެން ކްރިިކެޓް މުބާރާތްވެސް ބާއްވާނީ އެ ގައުމުގައެވެ.