އިންސާނީ ވަގުފާރީގެ ކުށުގެ ތުހުމަތުވާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެ އިނގިރޭސިވިލާތުގެ ސަރުކާރުން އިންޒާރު ކޮށްފިއެވެ. އެ ޤައުމުގެ ސަރުކާރުން މި ކަމުގެ އިންޒާރު ދީފައި މި ވަނީ، އިންސާނީގެ ވަގުފާރީގައި ޝާމިލުވާ މީހުންނަށް ހަރުކަށި އަދަބުތަކަކާއި ހަރުދަނާ ފިޔަވަޅުތަކެއް ކަނޑައަޅައި އައު ޤާނޫނެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނުޤަވާޢިދުން އިނގިރޭސިިލާތަށް ހިޖުރަ ކުރުން ހުއްޓުވައި، ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އެ ޤައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، އައު ޤާނޫނާ އެކު އިންސާނީ ވަގުފާރީގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބާރު ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދެވޭނެ ކަމުގައެވެ. މި ގޮތުން، ތުހުމަތު ކުރެވޭ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ޤައުމުން ބޭރަށް ދިޔުން މަނާކުރުން، ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރުން މަނާކުރުން، އަދި މުއާޞަލާތީ ޚިދުމަތް ހޯދުމަށް ހުރަސް އެޅުން ހިމެނެއެވެ.
"ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަޅުގަނޑުމެން ބޮޑެތި ބާރުތަކެއް ދޭނަން، ބޭނުމަކީ ކުށްކުރާ ގުރޫޕުތަކުގެ ވިއުގަތައް ރޫޅައިލުން،" އިންގިރޭސިިވިލާތުގެ ދާޚިލީ ވަޒީރު އިވެޓް ކުޕަރ ވިދާޅުވިއެވެ. ސަރަޙައްދީ ރޮނގު ބެލެހެއްޓުގެ މަސައްކަތް ހަރުދަނާކޮށް، ނުޤަވާޢިދުން އިނގިރޭސިވިލާތަށް ހިޖުރަ ކުރުން ހުއްޓުވުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޖުލައި މަހު އިނގިރޭސިވިލާތުގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން ވަނީ، ނުޤަވާޢިދުން އިނގިރޭސިވިލާތަށް ހިޖުރަ ކުރާ މީހުންގެ އަދަދުތައް ކޮންޓުރޯލު ކުރަން ވަޢުދުވެފައެވެ. އަދި، އެ ކަމުގައި ޝާމިލުވާ ގުރޫޕުތައް ހޯދައި، ހުއްޓުވުމަށް ވެސް ވަޢުދުވެފައެވެ. އިންގްލިޝް ޗެނަލް ނުވަތަ ކަނޑު ހުރަސްކޮށް ނުޤަވާޢިދުން އިނގިރޭސިވިލާތަށް ގިނަ އަދަދެއްގެ ބަޔަކު ހިޖުރަކުރުމަކީ އެ ޤައުމަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އިންގްލިޝް ޗެނަލަކީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދެމެދުގައި އޮތް، ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ކަނޑެވެ.
އިނގިރޭސިވިލާތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 2024ވަނަ އަހަރު އެ ޗެނަލް ހުރަސްކޮށް އެ ޤައުމަށް ނުޤަވާޢިދުން ހިޖުރަ ކޮށްފައިވާ މީހުންގެ އަދަދު 36,800އަށްވުރެ މައްޗަށް އަރައެވެ. އެއީ، އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު %25 އިތުރު އަދަދެކެވެ.
އިނގިރޭސިވިލާތަށް ހިޖުރަ ކުރާ މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ރެފިއުޖީ ކައުންސިލް ޗެރިޓީން ބުނީ، އެ ދަތުރު މަތީގައި ހުސްވި އަހަރު 69 މީހުން މަރުވެފައިވާ ކަމުގައެވެ. އެއީ، 2019އާއި 2023އާ ދެމެދު އިންގްލިޝް ޗެނަލް ހުރަސް ކުރުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދާއި އަޅައިބަލާއިރު ދެގުނަ މަތީ އަދަދެކެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، ތަންފީޒީ އިދާރާތަކަށް ދީފައިވާ އައު ބާރުތަކާ އެކު، އިންސާނީ ވަގުފާރީގެ ކުށުގައި ޝާމިލުވާ މީހުންނާއި ގުރޫޕުތައް ހޯދައި، އެ ގުރޫޕުތަކުގެ މެންބަރުންނާ ދެކޮޅަށް ވަގުތުން ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ލިބިގެން ގޮސްފައިވާ ކަމުގައެވެ. މިއީ، ވަޅީގެ ޙަމަލާތަކާއި، އަޅުން ގެންގުޅުން ފަދަ ކުށްތައް ކުރާ މީހުންނާ މެދު އެ ޤައުމުގައި މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލެކެވެ.