ޚަބަރު

ޔަހޫދީ ފައުޖުން ލުބްނާނަށް ބޮންއަޅައި، ސޫރިޔާއަށް ރޭޑު ޖެހި ކަމަށް ބުނެފި


ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގެ ސަރަޙައްދަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. މިއީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ޙަމަލާތަކެކެވެ.

ޔަހޫދީ ފައުޖުން ބުނީ، ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ އަސްކަރީ މަރުކަޒަކަށް ކަމުގައެވެ. އަދި، ޙަމަލާތަކުގައި މެދު-ރާސްތާ ރޮކެޓު ލޯންޗަރުތަކެއް ނައްތައިލާފައިވާނެ ކަމުގައެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް ލުބްނާންގެ ދެކުނުގެ ސަރަޙައްދަކަށް ޙަަމަލާތައް ދިނުމުގެ ކުރިން، ޙިޒްބުاللهގެ ރޮކެޓު ލޯންޗަރުތައް ނައްތައިލުމަށް ލުބްނާންގެ ސަލާމަތީ ބާރުތަކުގެ ކިބައިން އެދިފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް، ލުބްނާންގެ އަސްކަރިއްޔާއިން މި ކަން ކަަށަވަރު ކޮށްދީފައެއް ނެތެވެ.

ޔަހޫދީ ފައުޖުން ވަނީ، ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމުގެ ރަށަކަށް ރޭޑު ޖަހާފައިވާނެ ކަން ވެސް ހާމަކޮށްފައެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން، ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރައިލުމަށް ފަހު، ސޫރިޔާގެ ރަށަކަށް އަރައި ޖަރީމާތަކެއް ހިންގާފައި ވަނީ ހުސްވި އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

ޔަހޫދީ ފައުޖުގެ ސިފައިން ސިއްރިޔާތުގައި އަރާފައި ވަނީ މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރިފަށުގައި އޮތް ސޫރިޔާގެ ރަށެއް ކަމުގައިވާ މިޞްޔާފަށެވެ. އެ ޖަރީމާތަކުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ، އެ ސަރަޙައްދުގައި ހުރި މިސައިލް އުފައްދާ މަރުކަޒަކަށް ޙަމަލާދީފައެވެ. ބިމު އަޑީގައި، ބިންގަރާހެއްގައި ބިނާ ކޮށްފައިވާ އެ މަރުކަޒަކީ ޙިޒްބުاللهން ހަތިޔާރު އުފައްދަން ބޭނުން ކުރަމުން ދިޔަ މަރުކަޒެއް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. މިއީ، މިޞްޔާފަށް އަރައި ޖަރީމާތަކެއް ހިންގާފައިވާނެ ކަމަށް ޔަހޫދީން އެއްބަސްވި ފުރަތަމަ ފަހަރެވެ.

އެ އޮޕަރޭޝަން ހިންގުމަށް ޔަހޫދީ ފައުޖުގެ 100އަށްވުރެ ގިނަ ސިފައިން، ހެލިކޮޕްޓަރުތަކުގައި ސޫރިޔާއަށް އެރިއެވެ. އަދި، އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން ޙިޒްބުاللهގެ މަރުކަޒަށް ނިރުބަވެރި ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގައި 16 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ސެޕްޓެންބަރު މަހު ސޫރިޔާއިން ހާމަކޮށްފައިވެއެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދަކީ ޙިޒްބުاللهއާ ގާތް ގުޅުންތަކެއް ބާއްވަމުން ދިޔަ ބޭފުޅެއް ކަމުގައި ޔަހޫދީންނާއި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ތުހުމަތު ކުރެއެވެ. ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންގެ ޖަމާޢަތެކެވެ. އެ ޖަމާޢަތަށް ހަތިޔާރު ފޯރުކޮށްދިނުމަށް އީރާނުން ކުރަމުން ދިޔަ މަސައްކަތްތަކުގައި އަސަދުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައިވާ ކަމަށް ޔަހޫދީންނާއި އެމެރިކާއިން ތުހުމަތު ކުރެއެވެ.

އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. އަދި، ސޫރިޔާގައި މިހާރު ވެރިކަން ކުރަމުން ދަނީ އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ޤާއިމު ކޮށްފައިވާ އިންތިޤާލީ ސަރުކާރަކުންނެވެ. އެޗްޓީއެސުން ދިމިޝްޤަށް އަރައި އަސަދުގެ ވެރިކަމަށް ނިމުމެއް ގެނައުމާ އެކު، ޔަހޫދީ ފައުޖުން ވެސް ވަނީ ސޫރިޔާއާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަރައިގަނެފައެވެ. އަދި، ސޫރިޔާގެ އަސްކަރިއްޔާގެ އަމާޒުތަކަށް ނިރުބަވެރި ޙަމަލާތައް ދޭން ފަށާފައެވެ.