ޚަބަރު

ސަޢުދީ ޢަރަބިއްޔާގެ ޕީއައިއެފް ފަހަތަށް ޖައްސާލައި އެންމެ ބޮޑު އިންވެސްޓްމަންޓް ކުންފުންޏަށް އަބޫދާބީގެ މުބާދަލާ


ސަޢުދީ ޢަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓު ފަންޑު, ޕީއައިއެފް ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކުންފުނީގެ މަޤާމު އަބޫ ދާބީގެ މުބާދަލާ އިންވެސްޓްމަންޓް ކުންފުނިން ހޯދައިފިއެވެ.

2024ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސޮވަރިން ވެލްތު ފަންޑުތަކުން ޚަރަދު ކުރި 136.1 ބިލިއަން އެމެރިކާ ޑޮލަރުގެ ގާތްގަނޑަކަށް 20 އިންސައްތަ ޙިއްޞާ ކުރަނީ މުބާދަލާ ކުންފުނިންނެވެ.

ދުނިޔޭގެ ސޮވަރިން އިންވެސްޓުމަންޓު ފަންޑުތަކާ ބެހޭ މަޢުލޫމާތު އެއްކުރާ ގްލޯބަލް އެސްވީއެފުގެ އަހަރީ ރިޕޯޓުގައި ބުނީ މުބާދަލާއާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުން 2024ވަނަ އަހަރުގެ ތެރޭގައި 29.2 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނީ 2024ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ޕީއައިއެފަށް ދުނިޔޭގެ އެންމެ ޙަރަކާތްތެރި ސޮވަރިން ވެލްތު ފަަންޑުގެ މަޤާމު ގެއްލުނީ އެ އަހަރު ކުރި ޚަރަދު އޭގެ ކުރީ އަހަރު ޚަރަދު ކުރި 31.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ 37 އިންސައްތަ މަދު ކުރުމުން ކަމަށެވެ. މިދިޔަ އޮކްޓޫބަރު މަހު ޕީއައިއެފުގެ ގަވަރުނަރު އަލް-ރުމައްޔަން ވިދާޅުވީ ސޮވަރިން ވެލްތު ފަނޑު ބޮޑަށް އަމާޒު ކޮށްފައި ވަނީ އެތެރޭގެ އިޤްތިޞާދަށް ކަމަށާއި ބައިނަލްއަޤްވާމީ އިންވެސްޓުމަންޓުތައް މަދުކުރުމަށް ކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގެ ސޮވަރިން ވެލްތު ފަންޑުން ޚަރަދު ކުރި މިންވަރު މަދުވި ނަމަވެސް އަބޫދާބީއާއި ޤަޠަރާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުތަކުން ކޮންޓްރޯލު ކުރާ ގަލްފުގެ ސޮވަރިން ފަންޑުތަކުން 2024ގައި ރެކޯޑު ޢަދަދަކަށް އިންވެސްޓު ކޮށްފައި ވެއެވެ. އެއީ 2023ވަނަ އަހަރުގެ ޢަދަދަށް ވުރެ 10 އިންސައްތަ އިތުރު ޢަދަދެކެވެ.

ކެނެޑާގެ މޭޕުލް-8 އަދި ސިންގަޕޫރާއި އޮސްޓްރޭލިޔާގެ ފަންޑުތައް ފަދަ އެހެން ފަންޑުތަކުން އިންވެސްޓު ކޮށްފައިވާ މިންވަރު 2023އަށް ވުރެ އިތުރެވެ. ނަމަވެސް އެއީ އެ ކުންފުނިތަކުން 2021-2022އަށް ކުރި ރެކޯޑު ޚަރަދަށްވުރެ ދަށް ޢަދަދުތަކެކެވެ.

ޖުމްލަކޮށް ބަލައި ނަމަ ސޮވަރިން ވެލްތު ފަންޑުތަކުގައި ހުރި ހަރުމުދާ މި އަހަރު ވަނީ 6.1 އިންސައްތަ އިތުރުވެފައެވެ. އެހެންކަމުން އެ ފަންޑުތަކުގައި ހުރި ހަރުމުދަލުގެ އަގު 13 ޓްރިލިއަން އެމެރިކާ ޑޮލަރަށް ވުރެ ވަނީ މައްޗަށް އަރައިފައެވެ. މިއީ ތާރީޚުގައި ވެސް ހަރުމުދަލުގެ އަގު މިހާތަނަށް އެންމެ މަތިވި އަަހަރެވެ. ހަމަ އެހެންމެ ޕަބްލިކު ޕެންޝަނުގައި ހުރި ފައިސާގެ ޢަދަދު ވެސް ހަ އިންސައްތަ އިތުރުވެ ފަންޑުގައި ހުރި ޖުމްލަ ޢަދަދު ވަނީ 25 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައިފައެވެ.

ޑޭޓާ ސެންޓަރުތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޖައްވީ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ޑިޖިޓަލައިޒޭޝަނަށް ސޮވަރިން އިންވެސްޓްމަންޓުތަކުން 2024 ވަނަ އަހަރު 27.7 ބިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވެއެވެ.

ސޮވަރިން ވެލްތު ފަންޑުތަކުން ރިއަލް އެސްޓޭޓާއި ޕްރައިވެޓު އިކުއިޓީ އިންވެސްޓުމަންޓު ކޮށްފައިވާ މިންވަރަށް ފާއިތުވި އަހަރުގެ ތެރޭގައި ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި އުމްރާނީ އަދި ކުރެޑިޓު އިންވެސްޓުމަންޓުތައް ކުރާ ޚަރަދު ދަނީ އިތުރުވަމުން ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އޭގެ އިތުރުން ދައުލަތުގެ ފައިސާ ބޭނުން ކޮށްގެން ކޮށްފައިވާ މުއާމަލާތްތައް ވަނީ ފަސް އިންސައްތަ އިތުރު ވެފައެވެ. ރިޕޯޓުގައި ބުނީ 2024ގެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 216 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި ކަމަށެވެ. މުއާމަލާތްތަކުގެ އެވްރެޖު ޢަދަދު ހުރީ 370 މިލިއަން އެމެރިކާ ޑޮލަެރުގައެވެ.

އަބޫ ދާބީން މަސައްކަތް ކުރަމުން ދަނީ އޭއައިގެ ދާއިރާއިން ވާދަވެރިކަން އިތުރުވަމުންދާ ޤަލްފުގެ އެހެން ޤައުމުތަކުގެ މައްޗަށް ކުރި ހޯދައި އެ ޤައުމަކީ ވެސް އޭއައި ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށެވެ. އެ މަސައްކަތުގައި އަބޫ ދާބީއަށް އެހީތެރިވެ ދެނީ އެ ޤައުމުގެ ސަރުކާރުން ތާއީދު ކުރާ ޖީ42 އާއި މުބާދަލާގެ ޕާޓުނަރު ކުންފުންޏެއްް ކަމަށްވާ އެމްޖީއެކްސުންނެވެ. ދުބާއީން ދެކޭގޮތުގައި އެ ޤައުމުން އޭއައި ދާއިރާގައި ކުރިއެރުން ހޯދުމަކީ ދުނިޔެއިން ތެޔޮ ހުސްވެ އަބޫދާބީގެ މައި ވިޔަފާރި ކަމަށްވާ ތެލުގެ ވިޔަފާރި ކޮންމެވެސް ޒަމާނެއްގައި ނިމުމަކަށް އައުމުން އެ ޤައުމުގެ މުހންމުކަން ބައިނަލްއަޤްވާމީ ސިފައެއްގައި އިތުރު ކޮށްދޭނެ ކަމެއް ކަމަށެވެ.