މާލޭގެ ރަސްމީ ފާލަން، ނުވަތަ ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ފާލަމުގެ އޯވަހެޑް ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކުރަން ފެށީ އެ ފާލަން މަރާމާތުނުކޮށް ގިނަ ދުވަސްތަކެއްވެފައިވާތީ، ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައި ހުރުމުންނެވެ. ކުރިން ހުރި ފާލަން ރޫޅާލުމަށްފަހު އަލުން ތަރައްޤީކުރަމުންދާ ފާލަމަކީ ދިވެހީންގެ ޤައުމިއްޔަތާއ،ި ސަޤާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއާ މައުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ މަސައްކަތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ދިމާވެ މަސައްކަތް ކުރިން މަޑުޖެހުނު ނަމަވެސް މިހާރު ތަކެތި ލިބި ހަލުވި ދުވެލީގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފާލަން ހެދުމުގައި މިހާތަނަށް ލަސްތަކެއް ދިމާވެފައިވަނީ، އެ ފާލަމަކީ ވީރާނާނުވެ ގިނަ ދުވަހު ދެމެހެއްޓޭނެފަދަ ތަނަކަށް ހެދުމަށް، ބޭނުންވާ ހާއްސަ ސާމާނު ބޭރުން ގެނައުމުގައި ލަސްތަކެއް ދިމާވެގެންނެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ފާލަމުގެ އޯވަހެޑް ސްޓްރަކްޗރ ފްރޭމްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ފުރާޅުގައި ޝިންގަލްސް ހަރުކޮށް، ސީލިންގް ފްރޭމްވޯކްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ކުރީގެ ޢިއްޒުއްދީން ފާލަމަށް އަހަރުތަކެއްވެފައިވާއިރު ގިނަ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. މީގެތެރޭގައ،ި ގަދަ ވިއްސާރައިގައި ފާލަން އެތެރެއަށް ފެން ފައިބައ،ި ފެން ހެދުމާއ،ި ލޮނާއި ގަދަ އަވީގެ ހޫނުގަނޑުގެ ސަބަބުން ދަގަނޑު ސްޓަރަކްޗަރގައި ދަބަރުޖެހުމާއ،ި ލަކުޑި ފާލަން ވީރާނާވުން ހިމެނެއެވެ. އަލުން ފާލަމުގެ ސްޓްރަކްޗަރ ޑިޒައިންކުރިއިރު އެންމެ ބޮޑު އިސްކަމެއް ދެވިފައިވާނީ އެފަދަ މައްސަލަތައް ވީހާވެސް މަދު ވާނެގޮތަކަށް، ގިނަ ދުވަހު ހަލާކުނުވެ ފާލަން ބޭނުންކުރެވޭނެގޮތަކަށް ވިސްނައިގެން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ޢިއްޒުއްދީން ފާލަން ތަރައްގީކުރުމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާރައްޓެހ،ި ވީހާވެސް މަދުން މަރާމާތުގެ މަސައްކަތް ކުރަންޖެހޭގޮތަށް، ލޮނުފެނާއ،ި އަތްވާއި ގަދަ ވާރޭގައިވެސް ގިނަ ދުވަހު ހަލާކުނުވެ ހުންނާނެ ފަދަ ޒަމާނީ ކޮލިޓީ ރަނގަޅު ތަކެތި ބޭނުންކޮށްގެން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އައު ޑިޒައިނަކަށް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާ އަށެވެ. މި ފާލަން ފަރުމާ ކުރުމަށް ހަމަޖެހިފައިވަނީ އެ ފާލަން އިހުގައި ހުރި ގޮތަށް ވިސްނައިގެންނެވެ.
ޢިއްޒުއްދީން ފާލަމަކީ ބޭރު ޤައުމުތަކުގެ އިސް ވެރީންނާއި އިއްޒަތްތެރީން ރާއްޖެއަށް ޒިޔާރަތްކުރައްވާއިރު މަރުޙަބާ ކިޔުމަށް ހާއްސަކޮށްފައިވާ ފާލަމެވެ.
ފާލަން ފަރުމާކުރުމުގައި ރާއްޖޭގެ ސަގާފަތާއ،ި ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ހާއްސަ އިސްކަމެއް ދެވިފައިވާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެގޮތުން، އަލަށް ތަރައްގީކުރާ ފާލަން ޑިޒައިންކުރެވިފައިވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަމުގައި ބޭނުންކުރެވުނު ރަސްމީ ފާލަމާއި ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެވުނު ރަސްމީ ފާލަމުގެ ފަރުމާއަށް ރިޢާޔަތްކޮށްގެންނެވެ.
މި ފާލަމުގެ ތަނބުތައް އާސާރީ ބިނާތަކުން ފެންނަ ހިރިގަލުގެ ކެނޑުންތައް ސިފަވާގޮތަށް ހަދާ އިރ،ު ފާލަމުގެ އަރިމަތީ ދެ ފުރާޅު ތައްޔާރުކުރަނީ އަމީން ދީދީގެ ޒަމާނުގައި ބޭނުންކުރި ފާލަމުގައިވާ ނިށާން އެކުލަވާލައިގެންނެވެ. އަދ،ި ފާލަމުގެ އެންމެ އުސް މެދު ފުރާޅުގައި ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި އަލްއަމީރު މުޙަންމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ހިމަނާނެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، އޭރު ބޭނުންކުރަމުންދިޔަ ރަސްމީ ފާލަމުގެ ބަދަލުގައި ޒަމާނީ ފަރުމާއަކަށް ޢިއްޒުއްދީން ފާލަން ޑިޒައިންކޮށްފައިވަނީވެސް އެމްޓީސީސީ އިންނެއެވެ.