ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރު ކުރުމުގެ އަަމުރެއް ނެރެފިއެވެ. އޭނާ ހައްޔަރު ކުރުމަށް އަމުރެއް ހޯދާފައި ވަނީ، ޤައުމުގައި ކުއްލިހާލަތު އިޢުލާނު ކުރެއްވުމާ ގުޅިގެން، ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ކުށަކަށް އަރައިގަންނަވާފައިވާ ކަަމަށް ކަނޑައަޅައި، ރައީސް ކަމުގެ މަޤާމުގެ ބާރުތަކުން އޭނާ ސަސްޕެންޑުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ކުށަކަށް އަރައިގަންނަވާފައިވާ ކަމަށް ކަނޑައަޅައި، ޔޫން ސަސްޕެންޑު ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުންނެވެ.
މިއީ، ދެކުނު ކޮރެޔާގެ ތާރީޚުގައި، ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅަކު ހައްޔަރު ކުރުމަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް އެދި ހުށަހެޅީ، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އެ ޤައުމުގެ އިދާރާގެ ވެރިން ބައްދަލު ކުރައްވައި، އެ އިދާރާގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޔޫން ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.
އެ އިދާރާއިން ޤަބޫލު ކުރާ ގޮތުގައި، ޑިސެންބަރު 3ވަނަ ދުވަހު ޔޫން ކުއްލި ޙާލަތު އިޢުލާނު ކުރައްވާފައި ވަނީ ދެކުނު ކޮރެޔާގެ ޤާނޫނީ ބާރުވެރިކަން ނެތިކޮށްލުމުގެ ނިޔަތުގައެވެ. އަދި، އެ ކަމާ ގުޅޭ ފުރިހަމަ ތަޙުޤީޤެއް އެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ. ޔޫން މި ވަގުތު ހުންނެވީ ރިޔާސީ ގަނޑުވަރުގައެވެ. އެ އިމާރާތަށް ރޭޑު ޖަހަން އެ ޤައުމުގެ ފުލުހުން ކުރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ދެކުނު ކޮރެޔާގެ ޤާނޫނުގައިވާ ގޮތުން، ދައުލަތާއި ޤާނޫނީ ސަރުކާރާ ދެކޮޅަށް ތެދުވެ، ޙަރަކާތެއް ހިންގުމަކީ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކަށް ވެސް ބަރިއްޔަނުވެވޭނެ ފަދަ ކުށެކެވެ. ނަމަވެސް، ޔޫނާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. ޔޫންގެ ޤާނޫނީ ވަކީލު ޔޫން ގަބްގެން ވިދާޅުވީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް ކޯޓުގައި އެދިފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ. އަދި، އޭނާއާ ދެކޮޅަށް ތަޙުޤީޤެއް ހިންގުމުގެ ބާރު އެންޓި-ކޮރަޕްޝަން އިދާރާއަށް ލިބިގެން ނުވާ ކަމުގައެވެ.
"ކުއްލިހާލަތު އިޢުލާނު ކުރުމަކީ ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިދީފައިވާ ބާރެއް،" ޔޫންގެ ޤާނޫނީ ވަކީލު ވިދާޅުވިއެވެ. ޔޫން ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުން ބާޠިލު ކުރުމަށް ބާރުއަޅައި، އޭނާގެ ފަރާތުން ވެސް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.
ޑިސެންބަރު 3ވަނަ ދުވަހު ކުއްލި ޙާލަތު އިޢުލާނު ކުރެއްވުމަށް ފަހު، ޤާނޫނުހަދާ މަޖިލީހާއި ޢާންމުންގެ ފަރާތުން ކުރިމަތިވި ނުރުހުމާއި ފިއްތުންތަކާ ގުޅިގެން މަޑު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫން ވަނީ އެ ނިންމުން ބާޠިލު ކުރައްވާފައެވެ. ނަމަވެސް، ކުއްލިހާލަތުގެ އަމުރު ތަންފީޒު ކުރުމަށް އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހަށް ސިފައިން ފޮނުވާފައެވެ. އަދި، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ހަތިޔާރު އެޅި ސިފައިން ވަނުމާ ގުޅިގެން، ސިފައިންނާއި މަޖިލީހުގެ މުވައްޒަފުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.
ދެކުނު ކޮރެޔާއަކީ 1980ގެ އަހަރުތަކަށް ފަހު ޑިމޮކްރެޓިކް ވެރިކަމެއް ކުރަމުން އަންނަ ޤައުމެކެވެ. ދެކުނު ކޮރެޔާގައި ކުއްލި ޙާލަތު އިޢުލާނު ކުރުން ވެގެންދިޔައީ އެ ޤައުމުގެ ރައްޔިތުންގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމުގެ އެކުވެރިންނަށް ވެސް ސިހުން ގެނުވި އަމަލަކަށެވެ. އޭގެ ތެރޭގައި، އެ ޤައުމުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވޭ އެމެރިކާ ވެސް ހިމެނެއެވެ.
ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ޔޫން ކުށަކަށް އަރައިގަނެފައިވާ ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުން ވަނީ އޭނާއާ ދެކޮޅަށް ޝަރިޢަތް ހިންގަން ފަށާފައެވެ. ޔޫން ވެރިކަމުން ދުރުކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުންނެވެ. މި ފަދަ ހާލަތްތަކުގައި ޝަރިޢަތް ނިންމުމަށް އެ ކޯޓަށް 180 ދުވަހުގެ މުހުލަތެއް ޤާނޫނުން ދީފައި އޮތް ނަމަވެސް، ޔޫންގެ މައްސަލަ އަވަސްނިޔާގެ އުސޫލުން ހިންގުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. އަދި، ޖަނަވަރީ 3ވަނަ ދުވަހަށް ޝަރިޢަތުގެ މަޖިލިހެއް ވަނީ ތާވަލުކޮށްފައެވެ.