ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯލް ލީގު 2024 ގައި ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީން ދެވަނަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސިފައިންގެ ކުލަބުން ދެވަނަ މޮޅު ހޯދީ މިރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބްލޫސް ފޯރ ވޮލީބޯލް ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ސިފައިންގެ ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ސެޓުތައް އެ ޓީމުން ގެންގޮސްފައިވަނީ 25-22، 25-14 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ސެޓަރު ހުސައިން ޝާހިދު (ޝާޑު) އެވެ.
މި މެޗުން ސިފައިންގެ ކުލަބު މޮޅުވިއިރު، މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސްޕޯޓްސް ކުލަބު ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ.
މީގެ އިތުރުން މި މުބާރާތުގައި އެޗްޑީސީން ދެވަނަ މޮޅު ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސްޕޯޓްސް ކުލަބު ސިޓީ ބަލިކުރުމަށްފަހުއެވެ. މި މެޗުގައި އެޗްޑީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-19، 26-24 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީއަށް ކުޅެމުން އަންނަ ޕާކިސްތާނުގެ މުބައްޝަރް ރަޒާއެވެ.
މި މެޗުން އެޗްޑީސީ މޮޅުވިއިރު، މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޕޮލިސް ކުލަބު އަތުން ތިން ސެޓު އެއް ސެޓުން މޮޅުވެފައެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ލީގުގައި މި ފަހަރު ފަސް ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ ސިފައިންގެ ކުލަބާއި، އެޗްޑީސީ އާއި، ސްޕޯޓްސް ކުލަބު ސިޓީ އާއި، ބްލޫސް ފޯރ ވޮލީބޯލްގެ އިތުރުން ޕޮލިސް ކުލަބެވެ. ލީގުގައި ސިފައިންގެ ކުލަބާއި އެޗްޑީސީން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެ ދެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ސްޕޯޓްސް ކުލަބު ސިޓީއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ ތިން މެޗުން ދެ ޕޮއިންޓް ހޯދާފައިވާ ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި ފުލުގައި އޮތް ޕޮލިސް ކުލަބަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.