ޔޫކްރެއިނާ އެކު ގާތް ގުޅުންތަކެއް ބޭއްވުމަށް ސޫރިޔާގެ އިންތިޤާލީ ސަރުކާރުން ބޭނުންވާ ކަމުގައި އެ ސަރުކާރުގެ ޚާރިޖީ ވަޒީރު އަސްޢަދު ޙަސަން އަލް-ޝަޔިބާނީ ބުނެފިއެވެ. ޔޫކްރެއިނާއި ސޫރިޔާއާ ދެމެދު ގުޅުން ބަދަހި ކުރަން ބޭނުންވާ ކަން ޝަޔިބާނީ ހާމަކޮށްފައި މި ވަނީ ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދަރީ ސީބީހާއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ޤާއިމު ކޮށްފައިވާ ވަގުތީ ސަރުކާރަކުންނެވެ. އެޗްޓީއެސުން އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމަށް ނިމުމެއް ގެނެސްފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވާފައެވެ. އަދި، މޮސްކޯގެ ޙިމާޔަތަށް އެދިވަޑައިގަންނަވާފައެވެ.
ޔޫކްރެއިނާ ދެކޮޅަށް 2022ވަނަ އަހަރުން ފެށިގެން ނުރައްކާތެރި ހަނގުރާމައެއް ކުރަމުންދާ ރަޝިޔާއަކީ އަސަދުގެ ގާތް އެކުވެރިއެކެވެ. އަދި، 2011ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ، އަސަދުގެ ސަރުކާރަށް ވާގިވެރިވަމުން ގޮސްފައިވާ ޤައުމެކެވެ. ނަމަވެސް، އަސަދުގެ ވެރިކަން ވެއްޓުމާ އެކު، ސޫރިޔާގައި ތިބި ރަޝިޔާގެ ފައުޖުތަކުގެ ބާރާއި ދައުރު ފަނޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
މި ދަނޑިވަޅުގެ ބޭނުން ހިފައި، ސޫރިޔާގެ އައު ސަރުކާރާ އެކު ގާތް ގުޅުންތަކެއް އެކުލަވައިލުމަކީ ޔޫކްރެއިނުން ވެސް ބޭނުންވާ ގޮތެވެ. މޮސްކޯއިން ވެސް ބުނީ، އެޗްޓީއެސްގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އެ މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ، ސޫރިޔާގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކޮށްފައިވާ ރަޝިޔާގެ އަސްކަރީ މަރުކަޒުތަކާއި، އެ ތަނުގައި ތިބި ރަޝިޔާގެ ސިފައިންނާއި ހަތިޔާރުގެ ސަލާމަތާއި ރައްކާތެރިކަަން ކަށަވަރު ކުރުމެވެ.
"އަޅުގަނޑުމެންނާއި [ސޫރިޔާއާއި] ޔޫކްރެއިނާ ދެމެދު ސިޔާސީ، އިޤުތިޞާދީ، އިޖުތިމާޢީ އަދި ސައިންޓިފިކް ދާއިރާއިން މުހިންމު ގުޅުންތަކެއް ބާއްވާނަން. ސޫރިޔާއާއި ޔޫކްރެއިންގެ ރައްޔިތުން ވެސް ފާއިތުވި 14 ވަރަކަށް އަހަރު ތަހައްމުލު ކޮށްފައި ވަނީ ވަރަށް އެއް ގޮތް ހާލަތެއް،" ޝަޔިބާނީ ބުންޏެވެ. އޭނާ އިޝާރާތް ކޮށްފައި އެ ވަނީ 2011ން 2024އަށް ކުރިއަށް ދިޔަ ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި 2022 ފެބުރުވަރީ 24ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށެވެ.
ދިމިޝްޤަށް ކުރެއްވި ދަތުރުފުޅުގައި ސީބީހާ ވަނީ އެޗްޓީއެސްގެ ކޮމާންޑަރު އަޙްމަދު އަލް-ޝަރާޢާ ވެސް ބައްދަލު ކުރައްވާފައެވެ. ސޫރިޔާގެ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫކްރެއިނުން އެ ޤައުމަށް ކާބޯތަކެތި ފޮނުވައިދޭން މަސައްކަތް ކުރަމުންދާ ކަމުގައި ސީބީހާ ވިދާޅުވިއެވެ. އަދި، މި ހިނގާ ޑިސެންބަރު މަސް ނިމުމުގެ ކުރިން ގޮދަންފުށުގެ 20 ޝިޕްމެންޓު ސޫރިޔާއަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ.
ސޫރިޔާގެ ނިކަމެތީންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަން ފުރަތަމަ ހާމަ ކުރައްވާފައި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއެވެ. ޑިސެންބަރު 27ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ސޫރިޔާއަށް 500 މެޓްރިކް ޓަނުގެ ގޮދަންފުށް ފޮނުވުމަށް މަސައްކަތް ފަށާފައިވާ ކަމުގައެވެ. އެއީ، އދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމާ ގުޅިގެން ހިންގާ މަސައްކަތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިނަކީ ގޮވާމުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް ހައްދައި، ބޭރު ކުރާ އެއް ޤައުމެވެ. އެ ޤައުމުން އެންމެ ގިނަ އަދަދެއްގެ ގޮވާން އެކްސްޕޯޓު ކުރަނީ މެދުއިރުމަތީގެ ޤައުމުތަކަށެވެ. ނަމަވެސް، ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް ގަތުމުގެ ބަދަލުގައި އަސަދުގެ ވެރިކަމުގައި ސޫރިޔާއަށް ގޮވާމުގެ ބާވަތްތައް އެތެރެ ކޮށްފައި ވަނީ ރަޝިޔާއިންނެވެ. އަސަދުގެ ސަރުކާރު ވެއްޓުމާ އެކު، ރަޝިޔާއިން ސޫރިޔާއަށް ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުން ވަނީ މެދުކަނޑައިލާފައެވެ.