ޚަބަރު

ރާއްޖެ ފަރިތަކުރީ 10 ދުވަހު: ކޯޗު ނިޒާމް


އިންޑިއާއާ ދެކޮޅަށް ކުޅެން ރާއްޖެ ފަރިތަކޮށްފައިވަނީ 10 ދުވަހު ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.

އޭނާއާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ރާއްޖޭގައި އަންހެން ފުޓްބޯޅައިގެ ލީގެއް ވެސް ނެތް ކަމަށެވެ.

"
"އިންޑިޔާ މެޗަށް މި ޓީމު ތައްޔާރުވާން ފެށީ މީގެ 10 ދުވަސް ކުރިން. މިވަގުތު އަހަރުމެން (ގައުމުގައި) ލީގެއް ވެސް ނެތް. އަހަރުމެން އުއްމީދު ކުރަނީ ލީގު އަވަހަށް ފެށޭނެ ކަމަށް. ކުޅުންތެރިން ފަރިތަކުރަނީ ހަމައެކަނި ގައުމީ ޓީމުގައި،" ނިޒާމް ބުނެފައިވެ އެވެ.
މުޙައްމަދު ނިޒާމް - ގައުމީ އަންހެން ޓީމުގެ ކޯޗު

ރާއްޖޭގައި އެންމެ ފަހުން އަންހެން ލީގެއް ބާއްވާފައިވަނީ މީގެ ހަތް އަހަރު ކުރިންނެވެ. ގައުމީ އަންހެން ޓީމު އެންމެ ފަހުން ވާދަކުރި މުބާރާތަކީ މި އަހަރުގެ ފަހުކޮޅު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ.

ރާއްޖެ އާއި އިންޑިޔާ އެކުވެރިކަމުގެ ދެ މެޗު އިންޑިޔާގައި ކުޅެން ތައްޔާރުވެފައިވާއިރު މި ދެ ގައުމު ވަނީ މިހާތަނަށް އެކި މުބާރާތްތަކުގައި ހަ ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން އިންޑިޔާ ފަސް ފަހަރު މޮޅުވެފައިވާއިރު އެއްވަރުވީ އެންމެ މެޗެކެވެ.