ކުޅިވަރު

ރާއްޖެއަކީ ވަރުގަދަ ޓީމެއް ނޫން: އިންޑިއާ ކޯޗު


އިންޑިއާއާ ދެކޮޅަށް މިއަދު ނުކުންނަ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަކީ ވަރުގަދަ ޓީމެއް ނޫން ކަމަށް ކޯޗު ޖޯހިމް އެލެގްޒެންޑަސަން ބުނެފިއެވެ.

އޭނާ އަކީ އިންޑިޔާގެ 14 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗެވެ. މި މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްވިޑްންގެ ކޯޗު ބުނީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅެފައިވާ މެޗުތައް އޭނާ ބަލާފައިވާ ކަމަށެވެ.

"
އަހަރުމެން ބަލައިފިން މީގެ ދެތިން މަސް ކުރިން ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ކުޅުނު މެޗުތައް. އެމީހުންނަކީ ވަރުގަދަ ޓީމެއްނޫން. އެހެންވީމާ އަހަރެންނަށް ހީކުރަނީ މި މެޗު ޑޮމިނޭޓް ކުރާނީ އިންޑިޔާ ކަމަށް. އަހަރެން ބުނަން ޖެހެނީ ބޯޅަ ހިފައިގެން އުޅޭއިރު އަހަރުމެން ކުޑަކޮށް ފަރުވާތެރިވާންޖެހޭނެ ކަމަށް. މުޅި މެޗުގައި އެޓޭކް ކުރާކަށް ނުވާނެ. މަޑުމަޑުން އެޓޭކް ކުރަން ފަށައިފިނަމަ އަހަރުމެންނަށް ގިނަ ފުރުސަތުތައް ފަހިވާނެ،
ޖޯހިމް އެލެގްޒެންޑަސަން - އިންޑިއާ ކޯޗު

ކޯޗު ބުނީ އިންޑިޔާ ޓީމުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިންނަކީ މުޅިން އަލަށް ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ކަމަށެވެ. ނަމަވެސް އޭނާ ބުނީ އިންޑިޔާގެ ވަސީލަތްތަކާއި ފުޓްބޯޅަ ސްކޫލާއި ލީގު ވެސް ރަނގަޅުކަން ބެންގަލޫރުގައި އޭނާ ހޭދަކުރި ތިން ހަފުތާއިން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗަށް އިންޑިޔާ ޓީމު ފަރިތަކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ކޯޗު ބުނީ ސީނިއާ ބައެއް ކުޅުންތެރިން ޓީމާ ގުޅިފައިވީ ނަމަވެސް ޖުމުލަކޮށް ދެ މެޗުގެ ބޭނުމަކީ އައު ޓީމެއް ބިނާކުރުމަށް ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.

ރާއްޖެ އާއި އިންޑިޔާ އެންމެ ފަހުން ވާދަކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގަ އެވެ. މި މެޗު 9-0 ން ކާމިޔާބުކުރީ އިންޑިޔާ އެވެ. އިންޑިޔާ އޮތީ ފީފާ ރޭންކިންގެ 69 ވަނައިގައެވެ. ރާއްޖެ ހިމެނެނީ 163 ވަނައިގައެވެ.