ޚަބަރު

ފަޒުލްއާއި ފަޒީލް ފިޔަވާ 9 މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފިި


  • 9 މީހެއްގެ ފުރުން ބާޠިލުކުރީ ޕީޖީގެ ލަފާގެ މަތިން

  • އެމީހުންގެ ތެރޭގައި ފަޒުލްއާއި ފަޒީލް ނުހިމެނޭ

ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމަށް ނެރުނު އަމުރު 9 މީހެއްގެ މައްޗަށް ބާޠިލުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބިންވެރިޔާ ހައުސިން ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެެރެފައިވާ އަމުރު ބާޠިލުކޮށްފައިވަނީ ޕްރޮސެކިޔުޓަރ ޖެނެރަލާއި މަޝްވަރާކޮށް އެމަނިކުފާނުގެ ލަފާފުޅުގެ މަތިންކަމަށެވެ. އަދި ދަތުރުކުރުން މަނާ ކުރުމުގެ އަމުރު ބާޠިލުކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދާއި ސަސްޕެންޑްކޮށްފައިވާ އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު ހިމެނިވަޑައިނުގަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުން މިހާރު ގެންދަވަނީ ތަޙުގީގުކުރައްވަމުންނެވެ. ބިންވެރިޔާ ސްކީމްގެ ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނުކަމުގެ ލިޔުން ދޫކުރި މައްސަލާގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރިއެވެ.

މި މައްސަލާގައި އޭސީސީން ކުރިއަށްގެންދާ ތަހުޤީޤާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި އެމައްސަލައިގަ ދައުވާކުރުމާމެދު ގޮތެއްނިންމުމަށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާކަމަށް އޭސީސީން ކުރިން ވަނީ ވިދާޅުވެފައެވެ.