ޚަބަރު

ތުރުކީވިލާތުގައި ކުރުދީން ހަތިޔާރު ބަހަށްޓާނެކަމުގެ އިޝާރާތެއް, އިޤްތިޞާދީ ފަރަޤު ނައްތައިލަން ޚާއްޞަ ޕްލޭނެއް


ތުރުކީވިލާތުގައި ވަކި ދައުލަތެއް އުފައްދަން އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ކުރުދީން ހަތިޔާރު ބަހަށްޓައިފާނެ ކަމުގެ އިޝާރާތެއް ކޮށްފައި ވަނިކޮށް، އެމީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ތުރުކީވިލާތުގެ އެހެން ސަރަޙައްދުތަކާ ދެމެދު އޮންނަ އިޤްތިޞާދީ ފަރަޤު ކުޑަކުރުމަށް 14 ބިލިއަން އެމެރިކާ ޑޮލަރުގެ ސަރަޙައްދީ ތަރައްޤީގެ ޕްލޭނެއް އެ ޤައުމުން އިޢުލާނު ކޮށްފިއެވެ.

ތުރުކީވިލާތުގެ ދެކުނު އިރުމަތީ ސަރަޙައްދުތަކަކީ މައިގަނޑު ގޮތެއްގައި ކުރުދީން ދިރިއުޅޭ ސަރަޙައްދުތަކެވެ. ސަރަޙައްދީ ތަރައްޤީގެ ޕްލޭނެއް ޤާއިމުކުރާނެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އިޢުލާނު ކޮށްފައި މި ވަނީ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ކުރުދިޝް ވޯކަރސް ޕާޓީ (ޕީކޭކޭ) އާއި ތުރުކީވިލާތުގެ ސަރުކާރާ ދެމެދު 40އަށްވުރެ ގިނަ އަހަރު ވަންދެން އޮތް ޢަދާވާތްތެރިކަން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތްތައް ފެންނަމުން ދަނިކޮށެވެ. އަދި އަވަށްޓެރި ސޫރިޔާގައި އައު ވެރިކަމެއް ޤާއިމު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ 25 އަހަރު ކުރިން އުމުރަށް ޖަލަށް ލާފައިވާ ޕީކޭކޭގެ އިސްވެރިޔާ އަބްދުالله އޮޖަލާން ވަނީ ކުރުދީ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައި ޞުލްޙަ ޤާއިމުކުރުމަށް ގޮވައިލަން ތައްޔާރަށް ހުރި ކަމަށް ބެލެވޭފަދަ މޭރުމަކުން ވާހަކަ ދައްކައިފައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ވާގިވެރިވާ ނެޝަނަލިސްޓް މޫވްމަންޓު ޕާޓީގެ ދެވެތް ބައްޗެލީ ކުރުދީން ހަތިޔާރު ތިރިކުރުަމަށް އޮޖަލާން ގޮވާލަން ޖެހޭކަމަށް ބުނެފައި ވަނިކޮށް ކުރުދީންނަށް ވާގިވެރިވާ ތުރުކީވިލާތުގެ ޑެމް ޕާޓީން ވަނީ އޮޖަލާން އާ ބައްދަލުކުރުމަށް އޭނާ ބަންދުކޮށްފައިވާ އިސްތަންބޫލުގެ ދެކުނުގައި އޮންނަ އިމްރާލީއަށް ޒިޔާރަތް ކޮށްފައެވެ. މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އޮޖަލާނާ މިގޮތަށް ބައްދަލު ކުރުމަށް ފުރުޞަތު ދީފައިވާ ފުރަތަމަ ފަހަރެވެ.

ޑެމްއަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ ދެ މެންބަރުންނާ ވާހަކަ ދައްކަމުން އޮޖަލާން ވަނީ ހަމަނުޖެހުންތައް ހުއްޓައިލުމަށް ކުރުދީންގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. އެއީ ކޮން ފިޔަވަޅުތަކެއްކަން ސީދާ ބުނެފައި ނުވާ ނަމަވެސް ބެލެވޭ ގޮތުގައި އޭނާ އިޝާރާތްކޮށްފައި ވަނީ ކުރުދީން ހަތިޔާރު ބެހެށްޓުމަށެވެ. ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވެސް ވަނީ ބައްޗެލީގެ ހުށަހެޅުއްވުމަކީ ތާރީޚީ ފުރުޞަތެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. ނަމަވެސް ޞުލްޙައިގެ މަރުހަލާއާ ގުޅޭގޮތުން، އުރުދުޣާން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހަމަނުޖެހުންތަކުގެ ސަބަަބުން ތުރުކީވިލާތުގެ އިރުމަތީ އަދި ދެކުނު އިރުމަތީ ޕްރޮވިންސުތަކަކީ ޤައުމުގެ އެހެން ސަރަޙައްދުތަކާ އަޅައި ބަލައިއިރު އިޤްތިޞާދީ ގޮތުން މާ ފަހަތުގައި އުޅޭ ސަރަޙައްދުތަކެކެވެ. އެ ސަރަޙައްދުގެ ބޮލަކަށް ޖެހޭ އުފެއްދުންތެރިކަމުގެ ނިޞްބަތް, ޖީޑީޕީ ވެސް އެހެން ސަރަޙައްދުތަކަށް ވުރެ ދަށެވެ. 2023ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ތުރުކީވިލާތުގެ ދެކުނުއިރުމަތީ ސިޓީއެއް ކަމަށްވާ ސަންލުރުފާގެ ބޮލަކަށް ޖެހޭ އާމްދަނީއަކީ 4971 އެެމެރިކާ ޑޮލަރެވެ. އެއީ ޤައުމީ އެވްރެޖު ކަމަށްވާ 13,243 އެމެރިކާ ޑޮލަރަށް ވުރެ ބޮޑުތަނުން ދަށް ޢަދަދެެކެވެ.

ސަންލުރުފާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތުރުކީވިލާތުގެ އިންޑަސްޓްރީ ވަޒީރު ފާތިޙު ކަޘީރު ވިދާޅުވީ 2028ވަނަ އަހަރާ ހަމައަށް އެ ސަރަޙައްދުތަކަށް ތަރައްޤީ ގެނައުމަށް 198 މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށާއި އެ ކަމަށް 14.15 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެ ކަމަށެވެ. އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުން އެ ސަރަޙައްދުގައި ބޮލަކަށް އަހަރަކު ލިބޭ އާމްދަނީ 1400 އެމެރިކާ ޑޮލަރުން އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.