ޚަބަރު

ސޫރިޔާގައި އިންތިޚާބެއް ބޭއްވުމަށް ހަތަަރު އަހަރު ނަގައިފާނެ, އައު ޤާނޫނު އަސާސީއެއް އެކުލަވައިލަނީ


ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުު އަލް-އަސަދުގެ ވެރިކަން ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ކުއްލި ގޮތަކަށް ވައްޓާލުމާ ގުޅިގެން ޤައުމުގެ ކަންކަން ހަމައަކަށް އަޅުވައި އިންތިޚާބެއް ބޭއްވުމަށް ހަތަރު ވަރަކަށް އަހަރު ނަގައިފާނެ ކަމަށް އެ ޤައުމުގެ ހިންގުމާ ޙަވާލުވެ ހުރި އަޙްމަދު އަލް-ޝަރާޢު ބުނެފިއެވެ. މިއީ އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިސް ދައުރެއް އަދާ ކުރި ހަޔިއަތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ ސޫރިޔާގައި އިންތިޚާބެއް ބޭއްވޭނެ ތާރީޚަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއްޔާގެ އަލް-އަރާބިޔާ ނޫހަށް ދިން ބަސްތީގަތުމެއްގައި އަލް-ޝަރާޢު ބުނީ އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށް ތިން އަހަރު ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށާއި އެހެން ކަމުން އިންތިޚާބެއް ބޭއްވުމާ ހިސާބަށް ދިއުމަށް ހަތަރު އަހަރު ނެގުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ޤައުމުގެ ޙާލަތަށް ހެޔޮ ބަދަލުތަކެއް އަންނަތަން ޤައުމުގެ ރައްޔިތުންނަށް އަހަރެއްގެ ތެރޭ ފެނިގެން ދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އަލް-ޝަރާޢު މިހެން ބުނެފައި މި ވަނީ އެޗްޓީއެސް އިސްވެ އޮވެ ހިންގާ ސަރުކާރުން ޤައުމު ހިންގުމުގައި އެންމެންގެ ބައިވެރިވުން ހިމަނައި ހަރުކަށި ފިކުރުތަކާއި އުޞޫލުތައް ދޫކޮށްލާނެ ކަމަށް އެ ޖަމާޢަތުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަލް-ޤާއިދާއާއި އައިއެސް ޖަމާޢަތާ ކުރިން ގުޅުން އޮތް ނަމަވެސް އެޗްޓީއެސުން މިހާރު ވަނީ އެ ގުޅުންތަކާ ދުރުވެ އެ ޖަމާޢަތާ މެދު މީހުން ދެކެމުން އަައި ގޮތް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.

ކުރިއަށް އޮތް ތަނުގައި އެޗްޓީއެސް އުވައިލާނެ ކަމަށް އަލް-ޝަރާޢު ވަނީ ބުނެފައެވެ. އެކަމާ ގުޅޭ ގޮތުން އޭނާ ބުނީ ހަނގުރާމަވެރި ޖަމާޢަތްތަކެއްގެ ޚިޔާލުތަކާއި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ޤައުމެއް ނުހިންގޭނެ ކަމަށެވެ. އެހެންކަމުން ސޫރިޔާގެ މިހާރުގެ ޤާނޫނުހަދާ މަޖިލީސް އުވާލައި އައު ޤާނޫނު އަސާސީއެއް އެކުލަވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޤަައުމު ހިންގާނީ ބައިމަދު މީހުން ބާކީ ނުކޮށް އެ މީހުންގެ ފުރިހަމަ ބައިވެރިވުމާ ވެސް އެކުގައި ކަމަށް އޭނާ ބުނެއެވެ.

އަލް-ޝަރާޢު ވަނީ އެމެރިކާއިން ވާގިވެރިވާ ކުރުދީންގެ ސީރިއަން ޑިމޮކްރަޓިކް ފޯސަސް (އެސްޑީއެފް)އާ އެކު އެފެދިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ސޫރިޔާގެ އިރުއުތުރުގައި ޙަރަކާތްތެރިވާ އެސްޑީއެފާއެކު އުފެދިފައިވާ މައްސަލަތައް ޙައްލު ކުރުމަށް މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ. އެސްޑީއެފުން ތުރުކީވިލާތާ ދެކޮޅަށް ކުރާ މަސައްކަތުގައި ސޫރިޔާ ބޭނުން ކުރުމަކީ އެއްބަސް ވެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ސޫރިޔާގައި ގެންގުޅޭ ހުރިހާ ހަތިޔާރެއް ވެސް ހުންނަންވާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާއި ޤާބިލު އެންމެހާ ޤާބިލު މީހުން އަސްކަރިއްޔާއަށް ގުޅުމަށް ވެސް އޭނާ ގޮވައިލިއެވެ.

އަލް-ޝަރާޢު ވަނީ ބޭރުގެ ބާރުތަކާ ގާތް ގުޅުމެއް ބޭއްވުމަށް ސޫރިޔާއިން އިސްކަން ދޭނެ ކަމަށް ވެސް ބުނެފައެވެ. ސޫރިޔާގައި އަސްކަރީ މަރުކަޒުތައް ޤާއިމުކޮށްފައިވާ ރަޝިޔާއާ އެކު އޮންނަ އިސްތިރާޖީ ގުޅުންތައް ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަސަދާއެކު ގާތް ގުޅުމެއް ދަމަހައްޓަމުން ދިިޔަ ރަޝިޔާއާ އެކު އޮންނަ ގުޅުމަކީ ދެ ޤައުމުގެ މަސްލަހަތަށް ވެސް ފައިދާ ހުރި ގުޅުމަކަށް ވާންޖެހޭ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ސޫރިޔާއާ އެކު އޮތް ގުޅުމުގެ ކުރިމަގާ ގުޅޭ ގޮތުން ރަޝިޔާގެ ދާޚިލީ ވަޒީރު ސިރްގޭ ލަވްރޮވް ވިދާޅުވީ ސޫރިޔާގައި ޤާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ ކުރިމަގާ ގުޅޭގޮތުން ސޫރިޔާގެ ހިންގުމާ މިހާރު ޙަވާލުވެ ތިބި އިސް ވެރިންނާއެކު މަޝްވަރާ ކުރާނެ ކަމަށެވެ. އެ ތަންތަނުގެ ހިންގުމާއި ބެލެހެއްޓުމާއި ތަކެތި ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި އައު ހިންގުންތެރިންނާއެކު މުއާމަލާތް ކުރާނެ ގޮތަކީ ބަލަންޖެހޭ މުހިންމު ކަންކަން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

އަލް-ޝަރާޢު ވަނީ އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެފައިވާ ޑޮނަލްޑް ޓްރަމްޕު މަޤާމާ ޙަވާލުވެވަޑައިގަތުމުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިނެކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ. މި މަހުގެ ތެރޭގައި ސޫރިޔާއަށް ދަތުރުކުރި އެމެރިކާގެ އިސް މަންދޫބުން ވަނީ އަލް-ޝަރާޢުގެ ހިންގުންތެރިކަން ފާހަގަކޮށް ތަައުރީފު ކޮށްފައެވެ. އަދި މީގެ ކުރިން އޭނާގެ ބޮލަށް ހުށަހަޅާފައިވާ 10 މިލިއަން ޑޮލަރުގެ ބައުންޓީ ވެސް ވަނީ އުވާލައިފައެވެ.

ހަނގުރާމަވެރި ޖަމާޢަތްތަކާ މެދު އަވަށްޓެރި ޤައުމުތަކަށް އޮތް ކަންބޮޑުވުންތަކާ ގުޅޭގޮތުން އަލް-ޝަރާޢު ބުނީ ސޫރިޔާ އިންތިޤާލީ ސަރުކާރު ހިންގާނީ އިންޤިލާބެއް ގެނައުމުގެ ޖަޒުބާތުގައި ނޫންކަމަށާއި ޤައުމު ބިނާކުރުމުގެ ވިސްނުމުގައި ކަމަށެވެ. އަދި ހުރިހާ ސަރަޙައްދީ ދައުލަތްތަކާއެކު އިސްތިރާޖީ ގުޅުންތައް ޤާއިމުކުރަން ބޭނުންކަމަށް އޭނާ ވަނީ ބުނެފައެވެ.