ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޔަމަނަށް ދިން ވަރުގަދަ ޙަމަލާތަކުން ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާގެ ވެރިޔާ ތެދްރޮސް އަދޮނަމް ގެބްރިޔޭސުސް ހަނި ގޮތަކަށް ސަލާމަތްވެވަޑައިގެންފިއެވެ.
ޔަމަނުގެ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. އެ ގޮތުން ޔަމަނުގެ ވެރިރަށް ޞަންޢާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި ޙުދައިދާއާއި ޞަލީފާއި ރައުސުލް ކަޘީބުގެ ބަނދަރާއި އިންޖީނުގެތަކަށް ޔަހޫދީން ވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ޔަމަނުގެ ހަ މީހުން ޝަހީދުވެ 40 މީހުން ޒަޚަމްވިއެވެ.
ޔަހޫދީންގެ ނިރުބަވެރި ފައުޖުން ޞަންޢާގެ ވައިގެ ބަނދަރަށް ޙަމަލާ ދިން ވަގުތު ގެބްރިޔޭސުސް ހުންނެވީ ޔަމަނުން ފުރައިވަޑައިގަތުމަށް އެ ސަރަޙައްދުގައެވެ. އޭނާ ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވާ މަތިންދާބޯޓުގެ ފަޅުވެރިއަކު ވަނީ ޔަހޫދީންގެ ޙަމަލާގައި ޒަޚަމުވެފައެވެ. އެ ޙަމަލާގައި ވައިގެ ބަނދަރުގެ މުޙިންމު ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢޫދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ތަކުރާރުކޮށް ޑްރޯންނާއި މިސައިލު ޙަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އަދި ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް ޙޫޘީން ދަނީ ޙަމަލާ ދެމުންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އެ ޖަމާޢަތުން ފަށާފައިވާ ޙަރަކާތްތަކެކެވެ.
އެ ޙަމަލާތަކުގައި ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އެ ޖަމާޢަތުން ވަނީ ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑަށް ވެސް އަސްކަރީ ޙަރަކާތްތައް ފުޅާ ކޮށްފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ވަނީ ފަށައިފައެވެ.
ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ވަނީ ފަށައިފައެވެ. ޔަހޫދީ ދައުލަތުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑޭނޯން ބުނީ ޔަހޫދީ ދައުލަތާ ދެކޮޅަށް ހޫޘީން ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުން އދގެ ސަލާމަތީ މަޖިލީހުން އަންނަ ހަފުތާގައި މަޝްވަރާ ކުރާނެ ކަމަށެވެ.