ޚަބަރު

ބެންޓަންކޫރުގެ ސަސްޕެންޝަނަށް ލުއެއް ނުލިބުނު


ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅެމުން އަންނަ އުރުގުއޭ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރު ސަސްޕެންޑް ކުރުމަކީ ބޮޑު އަދަބެއް ކަމަށް ބުނެ، އެ ކުލަބުން ކުރި އިސްތިއުނާފުގެ މައްސަލަ އޭނާ އާއި ދެކޮޅަށް ނިމިއްޖެ އެވެ.

ބެންޓަންކޫ ސަސްޕެންޑް ކޮށްފައިވަނީ ޓޮޓްނަމްގެ ސޮން ހުއެން-މިން އަށް ނިސްބަތްވާ ގޮތަށް ނަސްލީ ގޮތުން ތަފާތުކުރެވޭ އިބާރާތްތަކެއް ބޭނުން ކޮށްފައިވާ މައްސަލައިގައި ހަތް މެޗަށެވެ. އަދި އެ ހަތް މެޗުގެ ތެރެއިން މިހާރު ފަސް މެޗު ނިމިފައިވާއިރު ކުރިއަށް އޮތް ދެ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ އެވެ. އެހެންކަމުން ކަރަބާއޯ ކަޕްގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުވެސް އޭނާއަށް ގެއްލޭނެ އެވެ.

މިދިޔަ ޖޫން މަހު އުރުގުއޭގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަ އަކާއި ގުޅިގެން ބެންޓަންކޫރުގެ މައްސަލަ އެފްއޭ އިން ބަލަން ފެށުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ބެންޓަންކޫ އާއި އިންޓަވިއު ކުރި ނޫސްވެރިޔާ ވަނީ ޓޮޓްނަމްގެ ކުޅުންތެރިޔާ ސޮންގެ ޖާޒީ ދިނުމަށް އެދިފަ އެވެ. އަދި އެއަށް ޖަވާބު ދެމުން ސޮންގެ ޖާޒީ އަކީ މުޅި ކޮރެއާގެ މީހުންގެ ޖާޒީ ކަމަށާއި ހުރިހާ އެންމެންގެ ލޯ ކުޑަ ވުމުގެ ސަބަބުން އެއީ ކާކުކަން ވަކިކުރަން ނޭނގޭނެ ކަމަށް ބެންޓަންކޫރު ވަނީ އެ އިންޓަވިއުގައި ބުނެފައެވެ.

ބެންޓަންކޫރު ވަނީ އިނގިރޭސިވިލާތުގެ އެފްއޭ އިން އިންތިޒާމު ކުރާ ހަތް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން އެއް ލައްކަ ޕައުންޑުން ޖުރިމަނާކޮށް އަދި ހޭލުންތެރި ވުމުގެ ގޮތުން ނަގައިދޭ ސެޝަންތަކެއްގައި އަމަލީ ގޮތުން ބައިވެރިވުމަށް ވަނީ އޭނާއަށް އަންގާފަ އެވެ.

އުރުގުއޭގެ ޓީވީ ޗެނަލަށް ދިން އިންޓަވިއުއަށްފަހު ބެންޓަންކޫ ވަނީ ސޮން އަށް ނިސްބަތްކޮށް ދެކެވުނު ވާހަކަތަކެއް އޭނާގެ ސޯޝަލް މީޑިޔާގައި މައާފަށް އެދިފަ އެވެ. އަދި އެއީ އޭނާ މަޖަލަކަށް މަޒާޖީ ގޮތުން ބޭނުން ކުރި އިބާރާތެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.