ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން ގެއެއްގެ މީހުންނަށް ނޫޅެވޭވަރަށް ދުމުގެ އަސަރު ކުރި: އެންޑީއެމްއޭ


  • އެހީތެރިކަން ބޭނުންވާ ފަރާތްތައް 115 އަށް ގުޅުއްވުމަށް އެންޑީއެމްއޭއިން އެދޭ

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން ގެއެއްގެ މީހުންނަށް ނޫޅެވޭވަރަށް ދުމުގެ އަސަރު ކުރިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ކުރިމައްޗަށް ހުރި 3 ގެއެއްގެ މީހުންނަށް އުޅެން އުނދަގޫވާ މިންވަރަށް ދުމުގެ އަސަރުކޮށްފައިވާކަމަށެވެ. އަދި އިމާރާތްތަކަށްވެސް ގެއްލުންތައް ލިބުނު ކަމަށް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ސޯޝަލް ސެންޓަރަށް 50 އަށް ގިނަ މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން ސޯޝަލް ސެންޓަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން 4 ގަޑިއިރާއި 6 ގަޑިއިރު އެތަނުގައި އެ ފަރާތްތައް ހޭދަ ކުރަން ޖެހިދާނެ ކަމަށް ލާފަކުރެވޭ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާން ކޮންޓްރޯލްވުމަށްފަހު ކައިރީގައި ހުރި ގެތަކުގެ ހާލަތު ބަލާނެ ކަމަށެވެ.

"ކައިރީގައި ހުރި ގެތައް އެސެސް ކުރެވޭނެ. އޭރުން މީހުން އެ ގެތަކަށް ދާން ރަނގަޅުތޯ ނޫން ތޯ ބަލާނެ. އެ އެސެސްމަންޓް ހަދަނީ ސިފައިން. އެއަށްފަހު މީހުން ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މަޑުމަޑުން ކުރަމުންދާނެ" އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމްކޮށްފައިވާއިރު އެތަނުން ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެތަނަށް މިހާތަނަށް އައި މީހުންގެ ހާލަތަށް ބަލާއިރު އެއްވެސް މީހަކަށް ސީރިއަސް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވިފައިނުވާކަންވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވަނީ އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ނަމަ 115 އަށް ގުޅައި ސެންޓަރަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.