ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއެކު އެ ޓީމަށް ވަނީ ކުޅުނު 6 މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 18 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. މޮނާކޯ އަށް 6 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ 16 ވަނައިގަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 34 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެންމެ ލަނޑެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި އާސެނަލް އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި ސަކާ ކާމިޔާބުކޮށްދިން އިރު އޭނާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ކައި ހަވާޓްސް އަށް އިތުރު ލަނޑެއް ޖަހަން މަގު ތަނަވަސްކޮށްދީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލު ކުރުވާފަ އެވެ.
މި މެޗުގައި އާސެނަލް އަށް ވަނީ އިތުރު ލަނޑުތަކެއް ޖަހަންވެސް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުގެ ފޯވަޑް ގެބްރިއެލް ޖީސަސް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގައި އާސެނަލް ދެން ކުޅެން ޖެހޭ ދެ މެޗުގައި އަންނަ ޖެނުއަރީ މަހު ނިކުންނާނީ ޑައިނަމޯ ޒަގްރެބް އާއި އިޓަލީގެ ޖިރޯނާ އާއި ދެކޮޅަށެވެ.