މަސްވެރިކަމުގެ ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެޔޮޅުންނާ ބައްދަލުކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަމަށެވެ. އަދި އެކަން ޔަޤީންވަނީ އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިންމު ގިނަ މަސައްކަތްޕުޅުތަކުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އެމަނިކުފާނު އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ ކަންތައްކަމަށްވެސް ވިދާޅުވިއެވެ.
ކެޔޮޅުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އަވަސް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ކަންކަމަކީ މަސްވެރިން ކިރުވާ މަހަށް އަވަހަށް ފައިސާ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކުރުމެވެ. އަދި މަހުގެ އެކި ބާވަތްތައް އެކްސްޕޯޓު ކުރާނެ އިތުރު މާކެޓްތައްހޯދުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ހެދުމަށްޓަކައި މަސްވެރިންގެ ޤައުމީ ދަފްތަރު ވަނީ އިފްތިތާހްކޮށްފައެވެ. އަދި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސް ދޯނިތަކުގައި ހަރުކުރުމަށް ލޯނު ދެމުންއަންނައިރު ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށްވެސް އަންނަނީ ލޯނު ދޫކުރަމުންނެވެ. މި ނޫނަސް މަސްވެރިކަމުގެ ސިނާއަތްކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.