އަންނަ ޖެނުއަރީމަހު މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް- ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
ޕީއެސްއެމްނިއުސްގެ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަފުޅުދައްވަމުން މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޤައުމީ އެއަރލައިން، މޯލްޑިވިއަން އަކީ ފައިދާގައި އޮޕަރޭޓުކުރާ އެއަރލައިންއަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. އަދި މިހާތަނަށް މިކުރެވުނު މަސައްކަތްތަކާއެކު އެ އަރލައިންއަށް ވަމުން އަންނަ ގެއްލުން ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ވަނީ، މޯލްޑިވިއަންގެ ފްލީޓު ޒަމަނީކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއަރލައިންއަކަށް ހެދުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމުގައިވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެކަމަށްވެސް އަމީން ވިދާޅުވިއެވެ.
"ދުރުރާސްތާއަށް އުދުހުމުގެ ގާބިލްގައި ހުރި އެއަރކްރާފްޓު ޑިސެމްބަރުގެ ކުރިން ރާއްޖެއަށް ގެނެސް ޖެނުއަރީގައި އެ މަސައްކަތް ފެށިގެންދާނެ،" މަދަނީ އުދުހުންތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަކީ ބޭރު އެއަރލައިންތަކުގެ މެދުގައި މަޤްބޫލް މަންޒިލަކަށްވާއިރު، ރާއްޖޭގެ ޤައުމީ އެއަރލައިނަށްވެސް މި ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށެވެ.
"ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ، ދުނިޔޭގެ ހުރިހާ ބޮޑެތި އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރޭ، އެހެންވީމައި ޤައުމީ އެއަރލައިންއަށްވެސް އަމިއްލައަށްވެސް ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ އުންމީދަކީ އަންނަ އަހަރުގެ މެދެއްހައި ހިސާބަށް ދާއިރު މޯލްޑިވިއަންގެ ފްލީޓުގައި ވައިޑް- ބޮޑީ 2 މަތިންދާ ބޯޓު ބޭނުންކުރަން ފެށުންކަމަށެވެ.
ބައިޑް-ބޮޑީ އެއަރބަސްގެ ދަތުރުތައް އެންމެ ފުރަތަމަ ކުރާނީ ޗައިނާއަށެވެ. އަދި މުސްތަޤުބަލުގައި ޔޫރަޕާއި ސައުތު އެފްރިކާގެ ޤައުމުތަކަށްވެސް ދަތުރުކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނަ އެއަރބަސްގައި 3 ކުލާސް ހިމެނެއެވެ. އެއީ ބިޒްނަސް ކުލާހާއި ޕްރިމިއަމް އިކޮނޮމިކް ކުލާހާއި އިކޮނޮމިކް ކުލާހެވެ. އެއީ 264 ގޮނޑީގެ މަތިންދާ ބޯޓެކެވެ.