ޚަބަރު

ނިމިދިޔަ ސަރުކާރުތަކުން ދަނޑުތައް ދިނީ އެއްބަސްވުމެއް ނެތި، މި ސަރުކާރުން އެކަން ހައްލުކުރާނެ: ވަޒީރު ރާފިޢު


ނިމިދިޔަ ސަރުކާރުތަކުން މާލޭގެ ކުޅިވަރު ދަނޑުތައް އެކި ފަރާތްތަކަށް ދީފައިވަނީ އެއްވެސް އެއްބަސްވުމެއް ނުވަތަ ލިޔެކިއުމެއްވެސް ނެތި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ދަނޑުތަކުގެ މެއިންޓަނަންސާއި ދަނޑުތައް ބެލެހެއްޓުމުގެ ކަންތައް އޮންނަގޮތް އޮޅުންފިލުވުމަށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެކަން ހަމަމަގަށް އަޅުވަން ޖެހޭކަމަށާއި، މިހާރު އެކި ތަންތަން ދީފައި ހުރީ އެކި ގޮތްގޮތަށް ކަމަށެވެ. އެގޮތުން ބައެއް ދަނޑުތައް ދީފައިވަނީ ސިޓީއަކުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރިންވެސް އެކަން ނުކުރެވި އޮތީ ދަތިތަކެއް ހުރުމުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުން ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން ދަނޑުތަކުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ކުރިޔަށް ގެންދަން މަސައްކަތްކުރާނެކަމަށެވެ.

"ޕްރައިވަޓައިޒް ކޮށްގެންވެސް އެކަން ކުރެވޭނީ ރަޖިސްޓްރީ ޕްރެސެސް ނިމިގެން. ލިޔެކިއުމެއް ނެތް. މީގެ ކުރިން ކުރެވިފަ ހުރީ ލިޔެކިއުމެއްނެތި" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ކުޅިވަރު ދަނޑުތައް ބެލެހެއްޓުމުގެ ކަންކަން އޮންނަށް ޖެހޭނީ މިނިސްޓްރީގެ ދަށުގައި ކަމަށާއި، އެކަން ކުރެވޭނީ ލިޔެ ކިއުމުން އެތަންތަނުގެ ރަޖިސްޓްރީވެސް މިނިސްޓްރީއަށް ލިބިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދަނަޑުތަކުން ލިބޭ ފައިސާ ޚަރަދު ކުރުމުގެ ފުރުޞަތުވެސް މިނިސްޓްރީއަށް އޮންނަން ޖެހޭކަމަށާއި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެއްޓް އެކުލަވާލި އިރު މިނިސްޓްރީގެ ބަޖެޓްގައި އެކަމަށް އިސްކަންދީފައި ވާކަމަށެވެ.

"ބަޖެޓް ފޮނުވިއިރުވެސް ރިޕެއާރ އެންޑް މެއިންޓަނަންސްއަށް ބަޖެޓެއް އޮންނާނެ ހިމަނާފަ. އެއީ ވަށާޖެހޭ ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން. އެކަން ކުރެވޭނީ ދަނޑުތައް މިނިސްޓްރީގެ ދަށަށް ނެގި މިނިސްޓްރީގެ ބާރުގައި އެކަން ރެގިއުލޭޓް ކުރެވޭނެ ގޮތެއް ވެގެން" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ކުޅިވަރު ދަނޑުތައް ބަލަހައްޓާ އެތަންތަނުގެ މަރާމާތުގެ ކަންކަން ހަރުދަނާ ކުރެއްވުމަށް، ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރު ފަންޑަށް ޖަމާކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވެގެން އަންނައިރު އެފަދަކަންކަން ހަމަޖެހިގެންދާނެ ކަމަށްވެސް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު ވިދާޅުވިއެވެ.