ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތްވާ ފެނުނު މީހާއާއި، ނ. ހޮޅުދޫގައި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވީ، އެއްވެސް މީހެއްގެ ފަރާތުން ލިބުނު އަނިޔާއިން ނޫންކަމަށާއި، މަރާލިކަމުގެ އެއްވެސް ހެއްކެއްވެސް ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީ ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުޙައްމަދު ޙަސަން، އެރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ނ. ހޮޅުދޫ، ނިއުލައިފް ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ގުދަނެއްގައި އޮއްވައި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި ދެމަރުގެ މައްސަލައިގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ހޯމޮސައިޑް އެންޑް އިންވެސްޓިގޭޝަން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މުހައްމަދު ހަސަންގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އޭނާ މަރުވީ ގެނބިގެންކަމަށެވެ. އަދި އޭނާ މަރުވި ދުވަހުގެ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި، އޭނާ ބަނދަރުގައި އުޅުނު މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށްވެސް ސާމިހު ވިދާޅުވިއެވެ.
"ހަސަން މުހައްމަދު ނިޔާވެފައިވަނީ ގެނބިގެންކަން ވަގުތީ ނަތީޖާއިން ހާމަވޭ. މިހާތަނަށް ކުރި ތަހުޤީޤުތަކުން އިތުރު ފަރާތެއްގެ ބައިވެރިވުން އޮތްކަން ފާހަގަނުވޭ" ސާމިހު ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ ނ. ހޮޅުދޫ ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނަ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ކަމަށެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ދިމާލުން ވަޅިއެއްވެސް އޮތްކަމަށް ފުލުހުން ވިދާޅުވިއެވެ.
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރެއް ހަށިގަނޑު ބަލާފައިވާކަން ފާހަގަކުރައްވަމުން ސާމިހު ވިދާޅުވީ އޭނާ މަރުވީ ކަރަށް ލިބިފައިވާ ޒަޚަމްތަކުން ތަހުޤީޤަށް އެނގޭ ކަމަށެވެ.
"ޒަކިއްޔާއަށް އިތުރު ފަރާތަކުން އެއްވެސް އަނިޔާއެއް ލިބިފައިނުވާކަން ތަހުޤީޤުން ހާމަވޭ. އިތުރު ފަރާތެއްގެ އަމަލަކުން މަރުވެފައިވާ ނުވާކަންވެސް އެނގޭ." ސާމިހު ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ބައެއް ކަންތައްތައް ނިންމުމަށް ވަގުތު ނަގާނެކަމަށެވެ.