ޚަބަރު

ޖެނެރަލް ޕްރެކްޓިޝަނަރ ސެންޓަރުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރަނީ


  • މާލޭގެ 6 އަވަށެއްގެ އިތުރުން ސިޓީތަކާއި އެކި ބައެއް ސަރަހައްދުތަކުގައި ސެންޓަރުތައް ޤާއިމްކުރާނެ

  • މިކަން އަވަސް ކުރެއްވުމަށް މިހާރު ލިބެން ހުރި އިމާރާތްތައް ބެއްލެވުމަށް ރައީސްވަނީ ނިންމަވާފައި

ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވުޒާރާއިން، ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި، މިއަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރައްވަން ފެއްޓެވުމަށެވެ. އަދި މާލީ ވުޒާރާއާއި، ޞިއްޙީ ވުޒާރާއާއި އަދި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވުޒާރާއާ މަޝްވަރާކުރައްވައިގެން މި ނިޒާމުގެ ތެރެއިން ސިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެވޭނެގޮތަކަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މާލެއާއި، ސިޓީތަކުގެ އިތުރުން އެހެން ސަރަހައްދުތަކުގައި ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމަށާއި، މި ސެންޓަރުތައް ޤާއިމުކުރުމުގައި، ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކޮށް، ސްޕެޝަލިސްޓުންނަށް ދެއްކުމަށް މާލެ ސަރަހައްދުގައި ނަގާ މުއްދަތު ކުޑަކުރުމަށްޓަކައި، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބައްލަވައި މި މަސައްކަތް އަވަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ އަވަސް އަދި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި ޖުމްލަގޮތެއްގައި މުޅި ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް މިހާރުވެސް ވަރަށް ގިނަ ކަންކަން މި ސަރުކާރުން ވަނީ ކުރައްވާފައެވެ. އެގޮތުން ދާދި ފަހުން ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އަދި ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ އިތުރު ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައެވެ.