ޚަބަރު

ރިޓަޔަރމެންޓް ޕެންޝަން އުސޫލަށް ބަދަލު ނުގެނައުމަށް ސަރުކާރުން ނިންމަވައިފި


  • ކުރިން ސަރުކާރުން ނިންމީ މުވައްޒަފުންނަށް ލިބޭ ޑަބަލް ޕެންޝަން އުވާލުމަށް

ވަޒީފާއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދެމުން އަންނަ އެލަވަންސްއަށް ބަދަލު ނުގެނައުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު މާލީ ވުޒާރާއިން ފޮނުވާފައިވާ ސިޓީއަށް ޢަމަލުނުކުރައްވަންވަނީ ނިންމަވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެތެރެއިން ޑަބަލް ޕެންޝަން ނުވަތަ ދެ ޕެންޝަނުގެ ގޮތުގައި މަހުންމަހަށް ލިބޭ ޢަދަދަށް ބަދަލު ނުގެނައުމަށް ނިންމެވީ އެގޮތަށް އިނާޔަތްލިބޭ ވަރަށް ގިނަ މުވައްޒަފުންތަކެއް ތިބުމާއި ގުޅިގެން، އެހާ ގިނަ ދުވަހު ލިބެމުން އައި އިނާޔަތެއް ކަނޑާލުމަކީ އެފަރާތްތަކުގެ ކަންބޮޑުވުމެއްކަމަށް ޤަބޫލުކުރެވޭތީކަމަށެވެ.

ސަރުކާރުގެ ވަޒީފާއިން އަލަށް ރިޓަޔަރވާ ނުވަތަ މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޕެންޝަން ސްކީމްގެ ބޭރުން އިތުރު މަހު އެލަވެންސް ނުދޭން ސަރުކާރުން ކުރިން ނިންމެވިއެވެ. އެއީ އަސާސީ ޕެންޝަންގެ ތެރެއިން ލިބޭ ފައިސާގެ އިތުރުން، ވަކިވަކި އިދާރާތަކުން އަމިއްލައަށް ހިންގާ ރިޓަޔަމެންޓް ސްކީމްތަކުން ދޭ ފައިސާގެ އިނާޔަތް އެއްހަމަ ކުރުމުގެ ބޭނުމުގައެވެ.

ސަރުކާރުން ދެމުން އަންނަ ޕެންޝަންގެ ދަށުން، އެ ސްކީމަށް މިއަހަރު 266 މިލިޔަން ރުފިޔާ ހޭދަކުރާއިރު އަންނަ އަހަރު 272 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

ޑަބަލް ޕެންޝަން ނުވަތަ ދެ ޕެންޝަން ލިބިދޭ ނިޒާމަކީ ދައުލަތަށް ބުރަބޮޑު އަދި ދެމެހެއްޓެނިވި ނިޒާމެއް ނޫންކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި، އޮޑިޓަރ ޖެނެރަލްވެސް ލަފާދެއްވާފައިވާތީއެވެ. އޮޑިޓަރ ޖެނެރަލް ވަނީ ޕެންޝަން ނިޒާމު އެއްހަމަކޮށް ދައުލަތުގެ އިޝްރާފު ކުޑަކުރުމަށް ލަފާދެއްވާފައެވެ. އެހެނީ މިހާރު ޕެންޝަންދޭ އުސޫލުން އިނާޔަތް ދޭނަމަ، 2030 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން އެކަމަށް އެކަނިވެސް 4.3 ބިލިޔަނަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހޭނެތީކަމަށް އޮޑިޓަރ ޖެނެރަލް 2015 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައިވެއެވެ.