މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުއެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވި ބިލަކީ ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އާއި މަސްތުވާތަކެއްޗާގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުޞަތު ދިނުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާކުރުމަކީވެސް މި ބިލުގެ މަގުޞަދެއްކަން ވަނީ ބަޔާންކުރައްވާފައެވެ.
މި އިސްލާހުގައި ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ވަނީ ހިމަނާފައެވެ.
މި އިސްލާހުގެ ދަށުން ނޭޝަނަލް ޑްރަގް ކައުންސިލްގެ މެންބަރުންގެ އަދަދު 13އަށް ވަނީ އިތުރުކޮށްފައެވެ. މިހާރު މި ކައުންސިލުގައި ހިމެނެނީ 12 މެންބަރުންނެވެ.
މި އިސްލާހުގައި ޤާނޫނުގެ 161ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިހާރު މިގޮތަށް ބަދަލު ނެގެނީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުންނެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީއަތުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ވަކި ޝަރުތެއް ފުރިހަމަވާ ނަމަ، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.
ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުންނަށް ލިބޭ ބާރުތައް ވެސް މި ބިލުގެ ދަށުން ވަނީ ހަރުކަށިކޮށްފައެވެ.