ޚަބަރު

މިއަހަރު ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަނަށް


  • ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވަނީ ޅ.ކުރެންދޫން

  • ކުރެންދޫން 97 ގެއަކަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވޭ

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވިއްސާރައިގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާ ރަށްރަށަށް 1.1 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، މިމުއްދަތުގެތެރޭގައި އެންމެ ގިނަ ގޭބިސީއަށް ގެއްލުންވެގެން ރިކޯޑުކުރެވިފައިވަނީ، ޅ. ކުރެންދޫއިން ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވިއްސާރަކޮށްގެން ރާއްޖޭގެ 10 ރަށަކުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައިވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. މިގޮތުން މި 10 ރަށުގެ 110 ގެއަށް ގެއްލުންވެގެން ފޯމު ހުށައަޅާފައިވާކަމަށާއި، މީގެތެރެއިން އެންމެ ގިނަ ގޭބިސިތަކަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވަނީ ޅ. ކުރެންދޫއިންކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެރަށުގެ 97 ގެއަކަށް ގެއްލުންވެފައިވާކަމަށްވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު ނޮވެމްބަރު މަހުގެ ނިޔަލަށް، ވިއްސާރައިގައި ޢިމާރާތްތަކަށާއި، ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ 1.1 މިލިއަނަށްވުރެ އިތުރުކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ވިއްސާރައިގައި ގެއްލުންވި ރަށްތަކަކީ:

  • ދ.ބަނޑިދޫ – 2 ގެއަކަށް
  • ދ.ހުޅުދެލި – 1 ގެއަށް
  • ގދ.މަޑަވެލި – 3 ގެއަކަށް
  • ހދ. ނެއްލައިދޫ – 1 ގެއަށް
  • ނ.މާފަރު – 1 ގެއަށް
  • ރ.ރަސްމާދޫ – 1 ގެއަށް
  • ސ.ފޭދޫ – 2 ގެއަކަށް
  • ޅ.ކުރެންދޫ – 97 ގެއަކަށް
  • ސ.ހުޅުދޫ – 1 ގެއަށް
  • ސ.މަރަދޫފޭދޫ – 1 ގެއަށް

އެންޑީއެމްއޭއިން ވިދާޅުވީ، ވިއްސާރައިގައި ގެއްލުން ލިބުނު ގެބިސީތަށް ވަޒަންކޮށް، "ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ޤަވާއިދު"ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާކަމަށެވެ.